ޝަހީދާ އަބްދުﷲ ސައީދު
މިއަދުން ފެށިގެން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މާލޭޖަލު އެނެކްސް (ރިމާންޑު ޖަލު)ގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން ރައްކާތެރި ތަނަކަށް ބަދަލުކޮށް، ޖަލު ބަންދު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގައިފިއެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރިމާންޑު ޖަލުގެ ހާލަތު އެކޮމިޝަނުން ބެލުމަށްފަހު މިއަހަރުގެ އޭޕްރީލް 11 ގައި ރިމާންޑް ޖަލު ބަންދުކުރުމަށް އެންގުމުން، މި އަހަރުގެ އޭޕްރީލް 15 ގައި އެތަން ބަންދުކުރި ކަމަށް ކަރެކްޝަނުން އެންގި ކަމަށެވެ. ނަމަވެސް އެޗްއާރުސީއެމުން އިއްޔެ ރިމާންޑު ޖަލަށް ޒިޔާރަތްކުރިއިރު ވެސް އެތަނުގައި 25 ގައިދީ އަކާއި ބަންދު މީހަކު ބަންދުގައި ބައިތިއްބާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
އަދި އޭޕްރީލް 11 ވަނަ ދުވަހު ރިމާންޑު ޖަލަށް ޒިޔާރަތް ކުރިއިރު އެތަނުގެ ހާލަތު ހުރި މިންވަރަށްވުރެ، މިހާރު އެތަނުގެ ހާލަތު ދަށްކަން ފާހަގަކޮށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ، ރިމާންޑު ޖަލުގެ ތެރޭގައި ބާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމާއި ގޮޅިތައް ސާފުތާހިރު ނޫންކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.
އެހެންކަމުން، ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލުކުރުމަކީ ދިވެހި ރައްޔިތުންގެ މައްޗަށާއި ދިވެހި ރާއްޖޭގެ ގާނުނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށް މި ގާނޫނުން ލާޒިމުކުރާކަމެއް ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާތީ، ރިމާންޑް ޖަލު ބަންދުކުރަން އަންގާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
''ކޮމިޝަނުން (އެޗްއާރުސީއެމް) އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި ގުޅިގެން މިއަދުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެންކްސް (ރިމާންޑް ޖަލު) ގައި ތިބި ގައިދީންނާއި ބަންދު މީހުން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށާއި ރިމާންޑް ޖަލުގައި އެއްވެސް ގައިދީއެއް އަދި ބަންދު މީހެއް ބަންދު ނުކުރުމަށް މިކޮމިޝަނުން ވަނީ އަންގާފައެވެ.'' އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މާލޭޖަލުގެ ރިމާންޑު ޖަލު ބަންދުކުރަން ކަރެކްޝަނަށް އެންގިއިރު، މިއަހަރުގެ އޭޕްރީލް 11 ގައި ރިމާންޑް ޖަލު ބަންދުކުރުމަށް އެންގުމުން ވެސް އެތަނުގައި މީހުން ބަންދުގައި ތިބި ކަމަށް ބުނެ އެޗްއާރުސީއެމުން ދެއްކި ވާހަކަތައް ކަރެކްޝަނަލް ސާވިސްއިން ވަނީ ގޮދުކޮށްފައެވެ.
އެގޮތުން ޖޫން މަހުގެ 11 ގައި ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލޭޖަލުގެ އެނެކްސްގައި މީހުން ބަންދުކޮށްގެން ގެންގުޅުން ހުއްޓާލައިފައިވާ ކަމަށެވެ.
ނަމަވެސް ޝަރުއީ ކޯޓުތަކަށް ހާޒިރުކުރެވޭ މީހުން ކޯޓުން ނިންމުމުން މާފުށީ ޖަލަަށް ފުރުވާލުމާ ދެމެދު ހޭދަވާ ގަޑިއެއް ނުވަތަ ދޮޅުގަޑިއެއްހާއިރުގެ ވަގުތުކޮޅުގައި އެމީހުން އެނެކްސް ބިލްޑިންގުގައި ބައިތިއްބަނީ މެންދުރުގެ ކެއުމުގެ ކަންތައްތައް ހަމަޖައްސައިދީފައި ފުރުވާލުމަށް ކަމަށް ކަރެކްޝަނުން އޭރު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.