ރީކޯ މޫސާ މަނިކް

ރީކޯ މޫސަ ޔޫއެން ސަރަހައްދުގައި އިއްޔެ ކުރިޔަށްދިޔަ "އެކްޝަން އޮން ކްލައިމެޓް ޗޭންޖް ނައު" މުޒާހަރާގައި

އދ. ގެ އާންމު މަޖިލިސް ކުރިޔަށްދާ، ނިޔުޔޯގްގައި، އިއްޔެ ކުރިޔަށް ދިޔަ "އެކްޝަން އޮން ކްލައިމެޓް ޗޭންޖް ނައު" މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ބައިވެރިވެވަޑައިގެންފި އެވެ.

މީސްމީޑިއާ އިން އެނގޭ ގޮތުގައި، އިއްޔެ ހެނދުނު ޔޫއެން ސަރަހައްދުގައި އެކި ގައުމުތަކުން ވަނީ މި ޝިއާރުގެ ދަށުން، ޝުއޫރުތައް ފާޅުކޮށް، އިހުތިޖާޖުކޮށްފަ އެވެ. ޔޫއެން ގެ ޖެނެރަލް އެސެމްބްލީ ވެސް މި ދުވަސްވަރު އެ ސަރަހައްދުގައި ކުރިޔަށް ދާތީ، ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައި އޮތުމުން، މުޒާރާ ކުރި މީހުން ތިބީ ޔޫއެންގެ ޖެނެރަލް އެސެމްބްލީ ކުރިޔަށްދާ، މައި ބިލްޑިންގެ ކުރިމަތީ ނުވަތަ ސިދާ އެ މަގުގައި ނޫންކަން ފޮޓޯތަކުން އެނގެ އެވެ.

އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މި ވަގުތު ހުންނެވީ އެމެރިކާގަ އެވެ. ރައީސް ސޯލިހުގެ އަރިހުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މި ވަގުތު ހުންނެވީ އެމެރިކާގަ އެވެ.

ރީކޯ މޫސަ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމާ ގުޅޭ އިތުރު ތަފުސީލެއް އޭނާއާ ފޯނުން ނުގުޅުމުގެ ސަބަބުން ވަނީ ލިބޭ ގޮތް ނުވެފަ އެވެ.