ރައްޔިތުންގެ މަޖިލިސް

ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓާބެހޭގޮތުން 241 ކޮމިޓީގައި މިއަދު މަޝްވަރާކޮށްފި

އިބްރާހިމް ޒަކީ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބުދުﷲ ގެއްލުނު މައްސަލަ ބެލުމަށްފަހު، އޭނާގެ މަރާބެހޭގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އާއްމުކުރި ރިޕޯޓުގައިވާ ކަންތައްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) މިއަދު ބައްދަލު ވެއްޖެއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

މިއަދު ހެނދުނު 11:00ގައި ކުރިއަށްދިޔަ ބައްދަލުވުމާބެހޭގޮތުން، "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން 241 ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއަދު ކޮމިޓީން ކުރިއަށް ގެންދިޔައީ އެ މައްސަލަ ބަލައި ކޮމިޓީން އެކުލަވާލާ ރިޕޯޓަށް މައްސަލައާގުޅޭ ބައެއް ކަންތައްތައް އިތުރު ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާ ކޮމިޓީން ބައްދަލުކޮށް އެ މައްސަލައާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭގޮތުންވެސް ކޮމިޓީގައި މަޝްވަރާކުރިކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ރަސްމީ ޖަލްސާތައް ފެށެން ދިހަވަރަކަށް ދުވަހަށް ގާތްވެފައިވާއިރު އަސްލަމް ވިދާޅުވީ، އެ ކޮމިޓީން ކުރިއަށްގެންދާ، ރިލްވާން މަރުގެ ރިޕޯޓާބެހޭ މައްސަލަ ބަލައި މަޖިލިސް ހުޅުވޭ ފުރަތަމަ ހަފުތާގެ ތެރޭގައި ކޮމިޓީގެ ރިޕޯޓް ނިންމާލެވޭވަރު ވާނެ ކަމަށެވެ.

މިމަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ބާއްވައި، އެއްމަސްދުވަހުގެ ޗުއްޓީއަށް މަޖިލިސް ދިޔައިރު، ރިލްވާންގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ މެންބަރުންނަށް ޗުއްޓީ ނުދެއްވާގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހަމަޖައްސަވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، 241 ކޮމިޓީގެ މަސައްކަތް މަޑުނުޖެހި ކުރިއަށްދާނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާބެހޭގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ.