ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ދިރާސާ ކުރާ ކޮމިޓީ ސިއްރުކޮށްފި

އިބްރާހިމް ޒަކީ

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލު ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

މިއަދު 1:00ގައި ފެށި އެ ކޮމިޓީގެ ބައްދަލުވުނު ސިއްރު ކުރިއިރު، މިއަދު އޮތީ ބިލަށް އާއްމުން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލައި ގެންނަން ޖެހޭ ބަދަލުތަކެއް ވާނަމަ އެކަންތައްތަކާބެހޭ ގޮތުން ބަހުސްކޮށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ބިލާބެހޭގޮތުން ގައުމީ ސަލާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ރޭވެސް ކުރިއަށް ގެންދިޔައެވެ.

ކޮމިޓީގެ އެ ބައްދަލުވުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފްގެ އިތުރުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރު ކުރައްވައި ބިލާބެހޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދަނީ ދައުރުން ބޭރުން ހާއްސަ ޖަލްސާތަކެއް ބާއްވައިގެންނެވެ. އެއީ ފުރަތަމަ ދައުރު ނިންމައި މިދުވަސްކޮޅު މަޖިލިސް ޗުއްޓީގައި އޮތުމުންނެވެ.

އެ ބިލުގެ މަސައްކަތަށް މަޖިލިހުގެ ދެ ޖަލްސާއެއް މިހާތަނަށް ބާއްވާފައިވާއިރު، އާދީއްތަ ދުވަހު ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ބިލް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވާނެ ތާރީހު ކަނޑައަޅުއްވާނެ ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.