އިންޑިއާ

އިންޑިއާގައި ބާއްވާ އެންމެ ފުރަތަމަ ޑައިވިން އެކްސްޕޯގައި ދިވެހި ދެ އަންހެނުން ތަގުރީރު ކުރަނީ

ފަތޯނާ ފާއިޒު

އަންނަ މަހުގެ ހަތަރަކުން ހަވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ މުމްބާއީގައި ބާއްވާ، އެގައުމުގެ އެންމެ ފުރަތަމަ ޑައިވިން އެކްސްޕޯ "އެޑެކްސް އިންޑިއާ އޯޝަން ފެސްޓިވަލް"ގައި ދިވެހި ދެ އަންހެނަކަށް ތަގުރީރު ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

އެ ފުރުސަތު ލިބުނީ ރާއްޖޭގައި ޑައިވިން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ނަން ވިދަމުން އަންނަ ތަޖުރިބާކާރު ދެ އަންހެނުން ކަމުގައިވާ ޒޫނާ ނަސީމާއި ޝާހީނާ އަލީއަށެވެ.

ޒޫނާ އަކީ ވިލިމާލޭގައި ހުންނަ "މޫދު ބުޅާ ޑައިވް" ސެންޓަރުގެ ބާނީ އަދި ވެރިޔާއެވެ. ޑައިވް ކުރުމުގައި އޭނާގެ އުމުރުން 24 އަހަރު ހޭދަކޮށްފައިވާއިރު، ގައުމީ ފެންވަރުގައި މި ދާއިރާއަށް އޭނާ ކޮށްދިން ހިދުމަތްތަކަށްޓަކައި ސަރުކާރުން ވަނީ އޭނާއަށް އެވޯޑުވެސް ދީފައެވެ. އެގޮތުން، 2018 ވަނަ އަހަރު އަންހެނުން އެންމެ މަސައްކަތް ނުކުރާ ދާއިރާއަކުން ގިނަ ހިދުމަތް ކޮށްފައިވާތީ ޒޫނާއަށް ވަނީ ރެހެންދި އެވޯޑު ލިބިފައެވެ. އަދި މިއަހަރު އިންޓަރނޭޝަނަލް އޯޝަން އެވޯޑުގެ "ލޯކަލް ހީރޯ" ކެޓަގަރީންވެސް އޭނާއަށް ވަނީ އެވޯޑު ލިބިފައެވެ.

ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑު ކަމަށްވާއިރު، ދިވެހި ކުޑަކުދިންނަކީ ކަނޑާ ރައްޓެހި ބަޔަކަށް ހަދައި، މޫދަކީ ނުރައްކާތެރި ތަނެއް ނޫންކަން ބެލެނިވެރިންނަށް ވިސްނައިދިނުމަށް ޒޫނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޒޫނާގެ އިތުރުން ރާއްޖޭގެ ޑައިވިން އިންޑަސްޓްރީގައި، ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ މަސައްކަތް ކުރަންފެށި ޝާހީނާވެސް އަންނަ މަހު ބާއްވާ އެކްސްޕޯގައި ގެސްޓް ސްޕީކަރެއްގެ ގޮތުގައި ތަގުރީރު ކުރާނެއެވެ.

ޝާހީނާއަކީ ޑައިވިންގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި، ކުޅަދާނަ ކަނބަލެކެވެ. އޭނާ އަކީ ކަނޑުގައި ހުންނަ ޕްލާސްޓިކް މަދު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ "ޕާލީ ފޯ ދަ އޯޝަންސް"ގެ އެގްޒެކެޓިވް ޑިރެކްޓަރެވެ. އެ ޖަމިއްޔާއިން ރާއްޖޭގެ ކަނޑުތަކުން ޕްލާސްޓިކް މަދު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.