މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީީ ކޮމިޝަނަށް ލިބޭ މައުލޫމާތުގެ ސިއްރު ހިފަހައްޓަން ޖެހޭ ގޮތަށް އެ ކޮމިޝަންގެ ހިންގާ ގަވާއިދު އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ރިޔާސީ ކޮމިޝަންގެ ހިންގާ ގަވައިދުގައި ބުނެފައިވާ ގޮތުން ކޮމިޝަނުން ކުރާ ތަހުގީގުތަކާ ގުޅޭ މައުލޫމާތުތަކުގެ ތެރެއިން ކޮމިޝަނުން ސިއްރުނޫން މައުލޫމާތުގެ ގޮތުގައި ކަނޑައަޅައިފައިވާ މައުލޫމާތު ފިޔަވައި، އެހެން ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓަން ޖެހޭނެކަމަށް ކޮމިޝަނުގެ މެމްބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެއެވެ.
އެގޮތުން ކޮމިޝަނުގެ މެންބަރުންނަށް މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަކަށް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށްވެސް މެމްބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ.
ކޮމިޝަނަށް ލިބޭ މައުލޫމާތުގެ ސިއްރު ހިފަހައްޓަން ޖެހޭ ގޮތަށް އެ ކޮމިޝަންގެ ހިންގާ ގަވާއިދު އެކުލަވާލައި އަމަލުކުރަން ފަށާފައި މި ވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓް ގެ ޑްރާފްޓް ރިޔާސީ ކޮމިޝަނުން މަޖިލީހުގެ ރައީސަށާއި، މަޖިލީހުގައި ހިމެނޭ ޕީޖީ ގްރޫޕު ލީޑަރުންނަށް އެރުވުމުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަދި މަޖިލީހުގެ ވެބްސައިޓުގައިވެސް އެ ރިޕޯޓްގެ ޑްރާފްޓެއް ހިމަނައި އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ކުރިއަށްގެންދިޔަ ބަހުސްގެ ސަބަބުން ރިޕޯޓްގައިވާ ބައެއް ކަންކަން އާއްމުވެ، ރައްޔިތުންގެ ތެރޭގައި ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން އުފެދިފައެވެ.
އެގޮތުން ރިލްވާންގެ މަރުގެ މައްސަލައާގުޅޭގޮތުން، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެ ރިޕޯޓު އާންމުވެއްޖެ ނަމަ ރިލްވާން މައްސަލައިގެ ތަހުގީގަށް ދަތިވާނެ ބައެއް ކަންކަން ރިޕޯޓްގައި ހިމެނޭ ކަމަށާއި އެހެންކަމުން ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅޭގޮތަށް އެފަދަ މައުލޫމާތުތައް އާއްމު ނުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.