މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

13 އަތޮޅެއްގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

މަރިޔަމް ޝަހުދާ

13 އަތޮޅެއްގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި އެހެން ބައެއް ތަކެތި ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާނުކޮށްފިއެވެ.

ފައިނޭންސް މިނިސްޓްރީން މި އިއުލާނުކޮށްފައިވަނީ އިއްޔެ އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ސިއްހީ މަރުކަޒުތަކަށް މެޑިކަލް އިކުއިޕްމަންޓާއި ޓޫލްސް ސަޕްލައިކޮށް ޑެލިވާކޮށްދޭން ޝައުގުވެރިވާ އަދި ޝަރުތުތައް ހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމަޔަށް ބީލަމުގައި ބައިވެރިވުމަށް ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ވަނީ ހުޅުވާލާފައެވެ. ބީލަމުގައި ބައިވެރިވުމަށް ދައްކަން ޖެހޭ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން އަކީ 500 ރުފިޔާ އެވެ.

މި މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މިހާރު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ބީލަމަށް ހުށަހަޅާއިރު މި ކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ލާ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އަންނަ ބުރާސްފަތި ދުވަހު މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނަ އިރު މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީ ގޮތުގައި 70،000 ރުފިޔާ ހުށަހަޅަން ޖެހޭކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް މައުލޫމާތުދެއެވެ.

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައެވެ. މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގް، އެންސީބީގެ އުސޫލުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.