ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން "ވޯލްކް ޓު ވޯރކް ޑޭ" އެއް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ކުންފުނީގެ މުވައްޒަފުން ހިނގާފައި އޮފީހަށް ހިނގައްޖެ އެވެ.
އެސްޓީއޯއިން ބުނީ މިއީ ދުޅަހެޔޮ ލައިފް ސްޓައިލެއް ޕްރޮމޯޓް ކުރުމުގެ ގޮތުން އެސްޓީއޯއިން އިންތިޒާމުކޮށް، އެސްޓީއޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފައިމަގުގައި އޮފީހަށް ދާ ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
''ވަން'' އަށް މައުލުމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ "ވޯލްކް ޓު ވޯރކް ޑޭ" ފާހަގަކުރުމުގެ ގޮތުން މިއަދު އެސްޓީއޯގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން އޮފީހަށް ދިޔައީ ފައިމަގުގައި ކަމަށެވެ. އެގޮތުން މި ހަރަކާތުގައި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެއިން އަމްރު މުހައްމަދު ރަޝާދު ވެސް ބައިވެރިވެވަޑައިގެން މިއަދު އޮފީހަށް ވަޑައިގެންނެވީ ފައިމަގުގައެވެ.
ފައި މަގުގައި މަސައްކަތަށް އަންނަ ދުވަހެއް ފާހަގަކުރުމަށް އެސްޓީއޯއިން ހަމަޖެއްސީ ދުޅަހެޔޮ ލައިފް ސްޓާއިލެއް ޕްރޮމޯޓް ކުރުމަށްކަން ފާހަގަކުރައްވައި އެސްޓީއޯއިން ވާަހަކަދެއްކެވި އޮފިޝަލް ވިދާޅުވީ މިއީ އެސްޓީއޯއިން މިފަދަ ހަރަކާތެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރު ކަމުގައެވެ.
މީގެ އިތުރުން ދުޅަހެޔޮ ލައިފް ސްޓައިލް ޕްރޮމޯޓް ކުރުމަށް ޓަކައި އެސްޓީއޯއިން މިފަދަ އެހެންހެން ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށްވެސް އެސްޓީއޯގެ ފަރާތުން މައުލޫމާތުދެއެވެ.