ވިޔަފާރި

ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައި ފަތުރުވެރިންނަށް އެހީވުމަށް އެއާޕޯޓުގައި ހެލްޕު ޑެސްކެއް ގާއިމުކޮށްފި

ފަތޯނާ ފާއިޒު

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އިނގެރޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރ ކުންފުންޏެއް ކަމަށްވާ، ތޯމަސް ކުކް ގްރޫޕް ބަނގުރޫޓުވުމާ ގުޅިގެން، އެކުންފުނި މެދުވެރިކޮށް ރާއްޖެ އައި ފަތުރުވެރިންނަށް އެހީވުމަށްޓަަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމު ކޮށްފިއެވެ.

ވީއައިއޭގެ ޑިޕާޗާ ގޭޓު ކައިރީގައި ގާއިމުކުރި އެ ހެލްޕު ޑެސްކުގެ ހޮޓްލައިން އަކީ، 7223131 އަދި 9423131އެވެ.

ތޯމަސް ކުކް ބަނގުރޫޓުވެފައިވަނީ ޔޫކޭއިން ވިލާތުގެ އިއްތިހާދުން ވަކިވުމާ ގުޅިގެން އެކުންފުންޏަށް އީޔޫއިން ދޭ މާލީ އެހީތަކެއް ނުލިބިގެންނެވެ. އެކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެލައްކައެެއްހާ ފަތުރުވެރިން ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތޯމަސް ކުކް ކުންފުނީގެ ހަވާލުގައި ރާއްޖެ އައި ފަތުރުވެރިންގެ ކަންކަން އެ މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެކުންފުނީގެ ހަވާލުގައި އައި ފަތުރުވެރިންނަށް އެނބުރި ގައުމަށް ދިޔުމުގައި ވާންޖެހޭ ހުރިހާ އެހީއެއް ވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ހާލުގައި ޖެހުނު ފަތުރުވެރިންގެ ކެއިންބުއިމާއި، އެކޮމޮޑޭޝަންގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

"މިކަމުން އަސަރު ކުރި ހުރިހާ ފަތުރުވެރިންނަށް އެހީވާން ސަރުކާރުން މަސައްކަތް ކުރާނެ" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ތޯމަސް ކުކް ކުންފުނި، ބަނގުރޫޓުވެ، ހިދުމަތް ހުއްޓާލި ވާހަކަ އެހީ ހިތާމައާއެކީގައި ކަމަށާއި، އެކަމުން އަސަރު ކުރި ހުރިހާ ފަތުރުވެރިންނަށް އެހީވާނެ ކަމަށެވެ.