ޝަހީދާ އަބްދުﷲ ސައީދު
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ސާބިތު ކުރެވެން އަދި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ސީރިއަސް އެންޑް އޮގަނައިޒްގެ ކުރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ ހާދިސާ ހިނގާފައިވަނީ ޓެރަރިޒަމްގެ އަމަލަކުން ކަމަށް ތަހުގީގަށް ސާބިތުވެފައިނުވާ ކަމަށެވެ.
އަދި ތަހުގީގު ކުރިއަށް ދަނީ ހުރިހާ ދިމާލަކަށް ބަލައިގެން ކަމަށާއި ތަހުގީގު ހަނިކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
އަދި ވިދާޅުވީ، ފުލުހުންގެ އިދާރާއިން އެފަދަ ބޮޑު ތަހުގީގެއް ހިންގަމުންދާއިރު، ކަމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އާންމުންގެ މެދުގައި ވާހަކަދެއްކުމުގެ ބަދަލުގައި އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
''..އަލިފާން ރޯވީ ހިނގި އެކްސިޑެންޓަކުންތޯ ނޫނީ ގަސްދުގައި ބަޔަކު ރޯކޮށްލީތޯ، ނޫނީ ޓެރަރިސްޓް ހަމަލާއެއްތޯ އަދި އެ ނޫންވެސް ކަމަކުންތޯ މި ހުރިހާ އެންގަލް އަކުން އަޅުގަނޑުމެން އެބަ ބަލަން. އަދި ފާހަގަކުރެވިފައެއް ނެތް، ޓެރަރިޒަމްގެ އަމަލެއްކަން ސާބިތުވާ ވަރުގެ ހެއްކެތް,'' ޝިފާއު ވިދާޅުވިއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝިފާއު އިތުރަށް ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ހޯދިފައިނުވާ ކަމަށެވެ. އަދި ތަހުގީގަށްޓަކައި އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ ވީޑިއޯ އާއި ފޮޓޯފަދަ ތަކެތި ތަހުލީލު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
މަޖީދިއްޔާ ސްކޫލް ކުރިމައްޗަށް އޮންނަ އަބަދަށް ފެހި މަގުގައި ހުންނަ ހ. ތިލަފުށި ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނެއް އަދާ ހުލުވިއިރު، ހަތް ގެއަކަށްވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
އޭގެ އިތުރުން އެ ހާދިސާގައި ހ. ރަދުވާނިއާގޭގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅުނު ތ. ބުރުނީ ފެންފިޔާޒުގެ، 46 އަހަރުގެ އައިޝަތު ޝައުނާ، އަލިފާނުގެ ހާދިސާގައި ގޭތެރޭގައި ތަށިވެ، ވަނީ ނިޔާވެފައެވެ.