ޕޮލިސް

އަމިއްލަ ގޮތުން ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކަށް ހިންގާ ތަމްރީނު ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވައިލައިފި

ޝަހީދާ އަބްދުﷲ ސައީދު

މާލެ ސަރަހައްދުގައި އަމިއްލަ ގޮތުން ޓެކްސީގެ ހިދުމަތް ދެމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، އަމިއްލަ ފަރާތްތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފައިވާތީ، އަމިއްލަގޮތުން ޓެކްސީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 2:00 އަށް ނިޔަލަށް ހުޅުވައިލާފައިވާކަމަށެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އައިޑީކާޑުގެ ކޮޕީއާއި ގުޅޭނެ ފޯނު ނަމްބަރު ޓްރެފިކް ޕޮލިސް ކައުންޓަރަށް ހުށަހެޅުމަށް ފުލުހުން އެދިފައިވެއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ ތަމްރީނު ޕްރޮގްރާމުގައި އަމިއްލަ ގޮތުން ޓެކްސީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން އަލަށް ޓެކްސީގެ ހިދުމަތަށް ނުކުންނަ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަލަށް ނުކުންނަ ޓެކްސީ ޑްރައިވަރުން ތަމްރީނުގައި ބައިވެރިވުމަށް ސެންޓަރު ތަކުގައި ނަން ނޯޓް ކުރަން ޖެހޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.