އިނގިރޭސި ވިލާތުގެ ދެ ޕްރިންސަސް ކަމުގައިވާ މޭގަން މާކަލް އަދި ކޭޓް މިޑިލްޓަން އަކީވެސް ވަރަށް ގިނަ ޕަބްލިކް އެޕިއަރެންސްތައް ކުރާ ބައެކެވެ. މި ހުރިހާ ހަފްލާތަކުން ވެސް އެ ދެ މީހުންވެސް ލަނީ ތަފާތު އަދި އަގުބޮޑެތި ހެދުމެވެ.
ފެޝަން އައިކޮންސްގެ ގޮތުގައި ދުނިޔެ ބަލަބަލަ ތިބޭ ދެ މީހުންނަށް ކޭޓް އަދި މޭގަން ވާއިރު އެމީހުންގެ އެ އަގުބޮޑެތި ހެދުންތައް ގަންނަނީ ކާކު ކިހިނެއްތޯ އެއީވެސް އުފެދޭނެ ސުވާލެކެވެ.
ފުރަތަމަ ކަމަކަށް، ދެ މީހުންވެސް ޝާހީ އާއިލާއާ ގުޅުމުގެ ކުރިން އެ ދެމީހުނަށްވެސް އެއާއިލާގެ ފަރާތުން ހެދުން ގަތުމަށް އެއްވެސް ހަރަދެއްކޮށްފައެއް ނުވެއެވެ.
މޭގަން އާއި ޕްރިންސް ހެރީ އެންގޭޖް ވުމާ އެކުވެސް ދާން ޖެހުނު ހުރިހާ ހަފްލާތަކާއި ޕަބްލިކް އެޕިއަރެންސް ތަކުގައި މޭގަން ލާފައި ހުރި ހުރިހާ ހެދުމަކީ އޭނާ އަމިއްލައަށް ގަނެފައިވާ ހެދުންތަކެވެ. ބައެއް ފަހަރު ހެރީ އޭނާގެ އަމިއްލަ ބަޖެޓުން މޭގަންއަށް ހެދުން ގަނެދޭ ކަމަށްވެސް ވެއެވެ. އެެއިން އެއްވެސް ހެދުމަކީ ޝާހީ އާއިލާ ދިން ހެދުމެއް ނުވަތަ ކުރި ހަރަދެއް ނޫނެވެ.
ހެރީ އާއި އެންގޭޖް ކުރުމަށް މޭގަން ވަނީ 75000 ޑޮލަރުގެ ރަފްލް އެންޑް ރުސޯގެ ގައުނެއް ލާފައެވެ. އެހެދުން ގަތީވެސް މޭގަން އަމިއްލައަށެވެ.
ކައިވެނީގެ ކުރިން މޭގަންގެ ނެޓް ވޯތަކީ ހަތް މިލިއަން ޑޮލަރެވެ. އެހެން ކަމުން 75000 ޑޮލަރަކީ ހެދުމަކަށް ބޮޑު އަދަދަކަށް ނުވެއެވެ. އަދި އެއީ އޭނާ އަމިއްލަ މަސައްކަތުން ހޯދާ ފައިސާއެވެ.
ކައިވެނި ކުރި ދުވަހު މޭގަން ލާފައިވާ ގިވާންޗީ ވެޑިން ޑްރެސް އަކީ 100000 ޑޮލަރުގެ ހެދުމެކެވެ. ބައެއް ރިޕޯޓް ތަކުގައި އެ ހެދުމުގެ އަސްލު އަގު 265000 ޑޮލަރު ކަމަށްވެސް ވަނީ ބުނެފައެވެ. މި ހެދުން ގަތީވެސް މޭގަން އަމިއްލަ އަށެވެ.
ކޭޓްގެ ވެޑިން ޑްރެސް އަކީ ސާރާ ބާރޓަން އެލެކްސެންޑްރާ މެކްއީންގެ ޑިޒައިނެކެވެ. އޭގެ އަގު 400000 ޑޮލަރަށް އަރާނެ ކަމަަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާއިރު އެހެން މީޑިއާ ތަކުގައި ބުނެފައިވަނީ އެ ހެދުމުގެ އަގަކީ 200000 ޑޮލަރެވެ. މިހެދުން ކޭޓް އަށް ގަނެދިނީ އޭނާގެ އާއިލާގެ ފަރާތުންނެވެ.
ޕްރިންސް ވިލިއަމް އާއި ކައިވެނި ކުރި އިރު ކޭޓްއަކީ އާދައިގެ މީހެއް ނަމަވެސް އޭނާގެ އާއިލާގެ ފަރާތުން ވާރުތަ ވެފައިވާ ނެޓް ވޯތު 10 މިލިއަން ޑޮލަރަށް އަރައެވެ. އަދި ކޭޓްގެ އާއިލާގެ ވޯތު އަކީ 50 މިލިއަން ޑޮލަރެވެ. އެހެން ކަމުން ކޭޓް އަށްވެސް ޑިޒައިނަރު ހެދުން ގަތުމުގެ ފެންވަރު ހުރިއެވެ.
ކައިވެންޏަށް ފަހު ކޭޓް އަދި މޭގަންއަށް ވެސް ރޯޔަލް ޗެކް ފޮތުން ޖާގަ ލިބުނެވެ.
ޕްރިންސް ޗާލްސް އަކީ (ކޭޓް އަދި މޭގަންގެ ބަފައިބެ) 1337 އަހަރުގެ ތެރެއިން ޝާހީ އާއިލާއަށް ފައިސާ ވަންނަ އެސްޓޭޓެއްގެ ވެރިޔާއެވެ. އެ އެސްޓޭޓްއަށް ކިޔަނީ ޑަޗީ އޮފް ކޯރންވޯލްއެވެ. ޑަޗީ އިން ލާރި ހޯދާ ގޮތަކީ ބިންތައް މީހުންނަން ރެންޓް ކޮށްގެނެވެ. އޭގައި އިންވެސްޓްމަންޓްތަކާއި އިންޓެރެސްޓް ވެސް ހިމެނެއެވެ. މިއީ ޕްރިންސް ޗާލްސް އާއިލާގެ ހަރަދު ބަލަހައްޓަން ފައިސާ ހޯދާ ގޮތެވެ.
މި ފަންޑަކީ އެވަގުތެއްގައި ވެރިކަން ކުރާ މީހާގެ އެންމެ ބޮޑު ފިރިހެން ކުއްޖާއަށް ލިބޭ ފަންޑެކެވެ. އެހެންކަމުން ޕްރިންސް ޗާލްސް ވެރިކަމަށް އެރުމުން އެ ފަންޑް ލިބެން ފަށާނީ ޕްރިންސް ވިލިއަމްއަށެވެ. މި އެސްޓޭޓް ފަންޑުން ވިލިއަމްއަށް އަހަރަކު 28 މިލިއަން ޑޮލަރު ލިބެއެވެ.
ޕްރިންސް ވިލިއަމް އަދި ޕްރިންސް ހެރީގެ އޮފިޝަލް ނޫން ހަރަދުތަކަށް ޕްރިންސް ޗާލްސްގެ ފަރާތުން ލިބެނީ މި ފަންޑުންނެވެ.
މިދިޔަ އަހަރު ވިލިއަމް، ހެރީ އަދި ކޭޓަށް 4.8 މިލިއަން ޑޮލަރު ޕްރިންސް ޗާލްސްގެ ފަރާތުން އެމީހުންގެ އެކި ހަރަދުތަކަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އޮފީސް ހަރަދުތަކުގެ އިތުރުން ހެދުން ގަތުން ހިމެނެއެވެ.
މޭގަންއާ ހެރީ ކައިވެނި ކުރުމުން އެ ހަރަދު މިހާރު 6.5 މިލިއަން ޑޮލަރަށް ވަނީ އިތުރު ވެފައެވެ.
ކުއީން އެލިޒަބަތު މިހާރު ރޯޔަލް ޑިއުޓީތަކުން ތަންކޮޅެއް ދުރުގައި އުޅުމާއި، އެހާ ގިނައިން ހަފްލާތަކުގައިވެސް ބައިވެރި ނުވާތީ އާއިލާގެ ޒުވާނުން ވަނީ އެބައި ކަވަރު ކުރަން ފަށާފައެވެ. އެހެންކަމުން ހޯދަން ޖެހޭ ހެދުން ވަނީ އިތުރު ވެފައެެވެ.
ޝާހީ އާއިލާގައި އޮންނަ ގަވައިދެއްގެ ސަބަބުން ކޭޓް އަދި މޭގަން އަށްވެސް ހިލޭ ލިބޭ ހެދުން ގަބޫލު ކުރުމުގެ ފުރުސަތެއް ނޯވެއެވެ. އެމީހުނަށް ހަމައެކަނި ކުރެވޭނެ ކަމަކީ ބޭނުމިއްޔާ ޑިޒައިނަރުން އަތުން ހެދުން ރެންޓް ކުރުމެވެ. ލާ ނިންމާފައި އަނބުރާ ހެދުން ފޮނުވަން ޖެހެއެވެ. އެގޮތަށްވެސް ލާ ހެދުމަށް އެމީހުން ފައިސާ ދައްކަން ޖެހެއެވެ.
ކޭޓް އަދި މޭގަން އަތުގައި މިހާރު އެތައް ހެދުމެއް އޮތް އިރު ގިނަ ބަޔަކު ބޭނުން ވަނީ އެމީހުންވެސް ޕްރިންސަސް ޑަޔާނާ ގޮތަށް ހެދުމުގެ އޮކްޝަނެއް ބޭއްވުމަށްފަހު ލިބޭ އާމްދަނީ ޗެރިޓީ ކުރުމަށެވެ. ޑަޔާނާ މަރުވުމުގެ ދެ މަސް ކުރިން ވަނީ ހެދުމުގެ އޮކްޝަނެއް ބޭއްވުމަށް ފަހު 3.25 މިލިއަން ޑޮލަރު އެއިޑްސް އާއި ކެންސަރު ބައްޔަށް ހަދިޔާކޮށްފައެވެ.