ރައްޔިތުންގެ މަޖިލިސް

ސަލާމަތީ ކަންތައްތަކާ ގުޅުންހުރި މުއައްސަސާތަކުގެ އިސްބޭފުޅުން މިރޭ ކޮމިޓީއަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް، ސަލާމަތީ ކަންތައްތަކާ ގުޅުންހުރި މުއައްސަސާތަކުގެ އިސްބޭފުޅުން މިރޭ ހާޒިރުކުރަން ނިންމައިފިއެވެ.

މިރޭ 8:00އަށް އެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރަނީ، އެކޮމިޓީން ކުރިއަށް ގެންދާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިރޭގެ ބައްދަލުވުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފްގެ އިތުރުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ވަޑައިގަންނަވާނެ ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދަނީ ދައުރުން ބޭރުން ހާއްސަ ޖަލްސާތަކެއް ބާއްވައިގެންނެވެ. އެއީ ފުރަތަމަ ދައުރު ނިންމައި މިދުވަސްކޮޅު މަޖިލިސް ޗުއްޓީގައި އޮތުމުންނެވެ.

އެ ބިލުގެ މަސައްކަތަށް މަޖިލިހުގެ ދެ ޖަލްސާއެއް މިހާތަނަށް ބާއްވާފައިވާއިރު، އިއްޔެ ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ބިލް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވާނެ ތާރީހު ކަނޑައަޅުއްވާނެ ކަމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.