ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މުޖްތަމައު ބިނާކުރުމަށް ޒުވާނުންގެ ހިއްސާގައި ހުސްކަމެއް އުފެދިފައި އެބަ އޮތް: މިނިސްޓަރު ޝިދާތާ

އާނިފާ ހުސެއިން ސިރާޖް

މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން، މުޖުތަމައު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާގައި ހުސްކަމެއް އުފެދިފައި އެބަ އޮތް ކަމަށާއި މި ހުސްކަން ފިލައިގެން ދާނީ މި ވަބާގައި ޖެހިފައިވާ ޒުވާނުނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާ ދެވި، އަލުން މުޖުތަމައަށް ނެރެވިގެން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން މިއަދުން ފެށިގެން މިމަހުގެ 27 އަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިންތިޒާމުކޮށް ކުރިޔަށް ގެންދާ "ސައުތު އޭޝިއަން ބޫސްޓަރ ޓްރޭނިންގ އޮން ދަ ޔޫއެންއޯޑީސީ ފެމިލީ ތެރަޕީ ޕެކޭޖް ފޮރ ޔޫތް ވިތް ޑްރަގް ޔޫސް ޑިސްއޯޑަރސް އެންޑް ދެއަރ ފެމިލީސް" ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ އާންމު ސިއްހަތަށް ބޮޑު އަސަރެއް ފޯރާ ކަމަށާއި، އެ ގޮތުން ޖިސްމާނީ ހެދިބޮޑުވުމާއި، ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮ ކަމަށް ކުރާ ނުރަނގަޅު އަސަރު އެ ކަމަނާ ފާހަގަކުރައްވާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޒުވާނުން ކަންކަމުގައި ވިސްނާ ފިކުރުކުރުމުގައާއި، ނިންމުންތައް ނިންމުމުގައާއި، ކަންކަމުގައި އަމަލުކުރާ ހަލުވި މިނަށް ބަދަލު އައިސް އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވެފައިވާ ކަމަށާއި އެހެން ކަމުން، މަސްތުވާތަކެތީގެ ވަބާއަކީ އިޖުތިމާއީ މައްސަލަތަކާއި ކުށްތައް އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ސަބަބެއް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެ އެވެ.

މިނިސްޓަރު ޝިދާތާގެ ވާހަކަފުޅުގައި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފަރުވާއަށް ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށާއި އެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވިފައިވާ ކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މި ފަދަ ސެންޓަރުތައް ހިންގުމުގެ ހުއްދަ ޕްރައިވެޓް ސެކްޓަރަށް ވެސް ހުޅުވައިލުން ކަމަށާއި، އެ ކަމުގެ ސަބަބުން މިހާރު ފަރުވާ ހޯދުމަށް އެދިފައިވާ އެތައް ފަރާތެއްގެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.