16 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް

ކުޅުނު ތިން މެޗުން ވެސް ބަލިވެ، ރާއްޖެއިން އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިން ނިންމާލައިފި

އަލީ ރިފްޝާން

ސޯޅަ އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފައިންގެ ފަހު މެޗުން ވެސް ރާއްޖެ ބަލިވެއްޖެއެވެ.

އީރާނުގައި އިއްޔެ ފަލަސްތީނާ ދެކޮޅަށް ކުޅުނު "ގްރޫޕު ސީ"ގެ މެޗުން ރާއްޖެ ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓުތެރޭ ރާއްޖެއިން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އައިހަމް ހަމްދޫނެވެ.

ރާއްޖެއިން ލީޑު ހޯދިތާ ހަ މިނެޓު ތެރޭ މަލީކް އަލްޝަރްބަތީ ވަނީ ފަލަސްތީނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި ފަލަސްތީނަށް އަލްމޮތާނާ ޚަތީރަތު ލީޑު ހޯދައިދިން އިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ފަލަސްތީނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަހާ އަވޭސާއެވެ. އަދި ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ފަލަސްތީނުގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުއާދު އަތަލްއެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ އެއްވަނަ ހޯދައިގެން އަންނަ އަހަރު ބަހުރޭނުގައި ބާއްވާ 16 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕަށް ކޮލިފައިވީ އީރާނެވެ. އީރާނުން ވަނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި ނިންމާލި ފަލަސްތީނާއި ތިންވަނައިގައި ނިންމާލި އަފްގާނިސްތާނަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ރާއްޖެއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭގެ ކާމިޔާބު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި އީރާން އަތުން ރާއްޖެ ބަލިވީ 13-0ގެ ނަތީޖާއަކުންނެވެ. ފަލަސްތީން އަތުން 4-1ގެ ނަތީޖާއަކުން އިއްޔެ ރާއްޖެ ބަލިވި މެޗުގެ ކުރިން އަފްޣާނިސްތާން އަތުން 3-0ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ.