އިންޓަރނޭޝަނަލް ޔޫތް ކޮމިޓީ (އައިވައިސީ) އިން ބާއްވާ ދެވަނަ ސައުތް އޭޝިއަން ޔޫތު ސަމިޓް، (ސޭސް 2018) ގައި ބައިވެރިވާ ޑެލިގޭޝަން ފުރުމަށް ތައްޔާރުވެއްޖެ އެވެ.
އައިވައިސީ ރާއްޖޭގައި ތަމްސީލު ކުރާ ރަފީ ޖަމިއްޔާއިން މިއަދު ބުނި ގޮތުގައި ސޭސް 2018 އަށް ރާއްޖެއިން 50 ކުދިން ވަނީ ބައިވެރިވެފައެވެ. މިމަހު 28 އިން ޑިސެމްބަރު އެކަކަށް ލަންކާގައި ސޭސް 2018 ބޭއްވުމަށް ހަމަޖެހިފައިވާ އިރު މިއަހަރުގެ ސަމިޓްގައިވެސް ރާއްޖޭގެ ޓީމުގެ ބައިވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.
ސޭސް 2018 ގެ ގްލޯބަލް ތީމަކީ "ކްރިއޭޓިން އަ ސަސްޓެއިނަބަލް ފިއުޗަރ އިން އަ ފްރެކްޗާޑް ސައުތް އޭޝިއާ" އެވެ. ސަމިޓުގައި ސައުތް އޭޝިއަން ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ 8 ގައުމުން 450 އެއްހާ ޑެލިގޭޓުން ބައިވެރިވާނެ ކަމަށް ރަފީ އިން ބުންޏެވެ.
މިފަހަރުގެ ސޭސް ގައި ބައިވެރިވާ ޑެލިގޭޓްސް އާއި އެކު ރާއްޖެއިން ދާ އޮފިޝަލުންގެ ގޮތުގައި ޑރ. އައިޝަތު ރަފިއްޔާ، ހުސެއިން ޝިހާމް، ފަޒްލީ އަބްދުލް ވައްހާބް، ޑރ މަރިޔަމް ވަސީމާ، އިސްމާއިލް ރިފާއު، ފާތިމަތު ރިފާއު، މިންހާ ފާއިޒު ރަޝާދު، އަދި އައިޝަތު ވިލިނީ ހިމެނެއެވެ.
ރަފީ ޖަމިއްޔާއިން ބުނި ގޮތުގައި މިއަހަރުގެ ވެސް އަމާޒަކީ ބެސްޓް ކަންޓްރީ އެވޯޑް ރާއްޖެއަށް ހާސިލް ކުރުން ކަމަށެވެ. މިދިޔަ އަހަރު ސޭސްގެ ބެސްޓް ކަންޓްރީ އަކަށްވެސް ހޮވިފައި ވަނީ ރާއްޖެ އެވެ.
އައިވައިސީ އަކީ ޒުވާނުން ބާރުވެރިކޮށް އެމީހުނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުހޯދައިދޭން މަސައްކަތް ކުރާ އިންޓަނޭޝިނަލް ޖަމިއްޔާއެކެވެ. އައިވައިސީގެ މެންބަރުންގެ އަދަރު މިހާރު 300،000 ވަނީ އަރާފައެވެ.
ސޭސް 2017 ބާއްވާފައިވަނީ އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގައެވެ. އެ ސަމިޓްގައި ރާއްޖެއިން ވަނީ 37 ކުދިން ބައިވެރިވެފައެވެ.