ޕޮލިސް

ހަ މަހުގެ ކުއްޖަކާ ގުޅޭ މައްސަލައެއްދަނީ ތަހުގީގު ކުރަމުން، ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައި: ފުލުހުން

ހަ މަހުގެ ތުއްތު ކުއްޖަކާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ހަ މަހުގެ ކުއްޖަކު ގޮވައިގެން ކުއްޖާގެ ބައްޕަ ފިލާފައިވާ ކަމަށް ބުނެ އެކުއްޖާ ހޯދުމަށް ކުއްޖާގެ މަންމަ އާންމުންގެ އެހީއަށް އެދިފައިވަނިކޮށް ފުލުހުން މިރޭ ބުނީ، މަންމައަށް ނޭނގި ހަ މަހުގެ ކުއްޖަކު ގޮވައިގެން ބައްޕަ ފިލިކަމަށް ބުނާ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށެވެ.

ނަމަވެސް ހަ މަހުގެ ކުއްޖަކާ ގުޅޭ މައްސަލައެއް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ކުއްޖާ ހުރީ ކޮންތަނެއްގައި ކަމެއް ފުލުހުން ވެސް ހާމައެއް ނުކުރެއެވެ.

ހަ މަހުގެ ތުއްތު ކުއްޖާގެ މަންމަ ''ވަން'' އަށް މިރޭ ބުނީ، ދަރިފުޅު ގޮވައިގެން އޭނާގެ ފިރިމީހާ އަދި ކުއްޖާގެ ބައްޕަ "ފިލާފައި"ވަނީ އޭނާގެ ދައްތައެއްގެ ގެއަށް އިއްޔެ ގޮސް، ކުއްޖާ ބާއްވާފައި އެ ގެއިން ނުކުތް ވަގުތު ކަމަށެވެ.

އަދި ކުއްޖާ ގެންދިއުމުން ފިރިމީހާ ދިރިއުޅޭ ގެ ކައިރީގައި ގޮސް ގިނަވަގުތު ހުރި ކަމަށާއި އަދި ފިރިމީހާގެ ނަމްބަރު ބުލޮކް ކޮށްފައި އޮތުމުން ފިރިމީހާއަށް ނުގުޅޭތީ ކުއްޖާގެ ހަބަރެއް އަދިވެސް ނުވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި، އެކަން ހިނގީ ކުއްޖާއަށް ހަ މަސްވީއިރު ވެސް ދެ މައިންނަށް އެއްވެސް ހަރަދެއް ނުކުރާތީ ވަރިވާން މިދިޔަ މަހު ކޯޓަށް ފޯމު ވެސް ހުށަހަޅައިވަނިކޮށް ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފާނެ ކަމަށް އޭނާއަށް ގަބޫލު ނުކުރެވުނީ ދެ މީހުން އަދިވެސް ކައިވެނިކޮށްގެން ތިބުމުން ކަމަށް އޭނާ ބުންޏެވެ.