މިނިސްޓަރު އައިމިނަތު އާތިފާ

އަލިފާނުގެ ހާދިސާގައި 24 ގެއަކަށް ގެއްލުން ލިބުނު: އާތިފާ

ޝަހީދާ އަބްދުﷲ ސައީދު

1

މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި 24 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، އަލިފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން 244 މީހުން 67 ތަނެއްގައި ބައިތިއްބައިގެން ބަލަހައްޓަމުން އަންނަ ކަމަށެވެ.

އަދި އެމީހުންގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވަންދެން ސަރުކާރުގެ ފަރާތުން ބަލަހައްޓަމުންގެންދާނީ ވަރަށް އޯގާތެރިކަމާއެކު ކަމަށް މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

''އަލިފާނުގެ ހާދިސާގައި އެކިވަރުގެ ގެއްލުން ލިބިގެން 24 ގެއަކުން މީހުން ހުސްކޮށްފައި މިހާރު މިވަނީ. މިދަނީ އިމާރާތްތަކުގެ އެސެސްމެންޓްތައް ހަދަމުން. އެސެސްމަންޓް ނިމުނީމަ އެނގޭނީ އަނބުރާ ވަދެވޭނެ ތަންތަނާ، ތަޅާލަން ޖެހޭ ތަންތަނާ، އަދި އެހެން ގޮތެއް ހަދައިގެން ބަދަލު ގެންނަންޖެހޭ ތަންތަންވެސް. އޭގެ ތެރޭގައި ދެ ބައެއް އުޅޭ. އެއްބަޔަކީ އަމިއްލަ ގެދޮރުގައި ތިބި މީހުން. އަނެއް ބަޔަކީ ކުއްޔަށް އުޅުނު މީހުން. މި ދެބައިގައި ހިމެނޭ މީހުންގެ ކަންކަން ދެވަނަ ފޭސްއަށް ގެންދިއުމުގެ ކަންކަން ކުރަމުން މިދަނީ،'' މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

އެމްއެންޑީއެފުން މީގެކުރިން ބުނެފައިވަނީ، ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއްގައި ރޯވެ އަނދާފައިވާ ކަމަށެވެ.

އެ ހާދިސާގައި ހ. ރަދުވާނިއާގޭގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅުނު ތ. ބުރުނީ ފެންފިޔާޒުގެ، 46 އަހަރުގެ އައިޝަތު ޝައުނާއަށް ގެއިން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތި، އެހާދިސާގައި އޭނާ ވަނީ ނިޔާވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟