ޝަހީދާ އަބްދުﷲ ސައީދު
ހުޅުމާލޭގައި ސިނާއީ ސަރަހައްދެއް އޮއްވައި، މާލޭގެ ދެކުނު ފަރާތު ފަޅުން ބައެއް ހިއްކައިގެން އިންޑަސްޓްރިއަލް ޒޯނު ހެދުމަކީ ކުރީ ސަރުކާރުން ކުރި ވަރަށް ބޮޑު ބޭކާރު ކަމެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސިނާއީ ސަރަހައްދު ތަރައްގީ ކުރުމަށް، ކުރީ ސަރުކާރުން 186 މިލިއަން ޑޮލަރުގެ އިމާރާތެއް އެޅުމަށްޓަކާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޗައިނާގެ ކުންފުންޏަކާ ދެކެވުނު ވާހަކަތަކުގެ ލިޔެކިޔުންތަކެއް އެބަހުރި ކަމަށެވެ.
ނަމަވެސް، ގުދަން ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމަކީ ރައްކާތެރި ގޮތުން ބަލާއިރުވެސް އެންމެ އެކަށީގެންވާ ތަނަކަށް ނުވާނެ ކަމަށާއި އަދި ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ވިލެޖާ ދިމާއިން، އިންޑަސްޓްރިއަލް ކަންކަން ހިންގަން ފެށުމުން މަގުގެ ޓްރެފިކަށް މައްސަލަތައް ދިމާވެ، މަގު ތޮއްޖެހެމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، ޖަޕާނު މީހުން މާލޭގެ ދެކުނު ފަރާތުގައި ބްރޭކްވޯޓާ ހެދިއިރު، އެ މީހުންގެ ދިރާސާތަކުން އެ ސަރަހައްދުގައި ބަނދަރެއް ހެދުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެތަނުގައި ނެރެއް ހެދުމަށްފަހު ދެން ލިބުނު ގެއްލުންތައް ވެސް ފެނިއްޖެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މާލެ އާއި ހުޅުމާލެއަކީ އެއްތަނެއް ކަމަށް ދެކޭނަމަ މާލޭގެ ފަޅުން ބައެއް ހިއްކައިގެން އިންޑަސްޓްރިއަލް ވިލެޖް ހެދުން އެއީ އެންމެ ރަގަޅުގޮތްތޯ މިނިސްޓަރު އަސްލަމް ސުވާލު އުފެއްދެވިއެވެ.
''އޭރު ހުޅުމާލެ ބުރިޖް ނިމެމުން އަންނަނީ. ހުޅުމާލޭގައި އެބަހުރި އިންޑަސްޓްރިއަލް ލޭންޑް. ހުޅުމާލެ ދެވަނަ ފޭސް ހިއްކަމުންދަނީ. ހުޅުމާލެ އެއީ މާލޭގެ ބައެއް ކަމަށް ދެކޭނަމަ، މާލޭގެ ބަނދަރުން ތަންކޮޅެއް ހިއްކައިގެންތޯއޭ އެކަން ކުރަން ޖެހެނީ. އެ ޕްލޭން އައި ކީއްވެގެންތޯއޭ. ހުޅުމާލެ އޮއްވާ 186 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހިންގެވުމަށް މަސައްކަތް ކުރެއްވީ ކީއްކުރަންތޯ. މި ޕްލޭނަށްވުރެ އެހެން ބޮޑަށް އެހެން އެއްޗެއް އަޅުގަނޑަށް އޭގެ ތެރެއިން ފެންނަނީ،'' އަސްލަމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭގެ ތޮއްޖެހުމަށް ހައްލެއް ލިބިގެންދާނީ ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީ ކުރެވިގެން ކަމަށާއި އެކަމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ. އަދި ސަރުކާރުގެ ދުރު މުސްތަގުބަލްގެ އަމާޒަކީ އެކި ސަރަހައްދުތައް ތަރައްގީކޮށް، މާލެއަށް ތޮއްޖެހެމުންދާ އުސޫލު ނައްތައިލުން ކަމަށް އަސްލަމު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭ ދެކުނު ފަރާތު ފަޅުން ބައެއް ހިއްކައި، އިންޑަސްޓްރިއަލް ވިލެޖެއް ހެދީ، 2016 ވަނަ އަހަރު ކޯސްޓް ލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގައި ހުރި ގުދަންތައް އެ ސަރަހައްދަށް ބަދަލުކުރުމަށް ކަމަށް ބުނެއެވެ.