ހުކުރު ދުވަހުގެ ރޭ ވެރިރަށް މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ދަރިވަރުންނަށް، އޭލެވެލް އަދި އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް އެއްވެސް ދަތިކަމެއް ދިމާވިޔަ ނުދޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން(ޑީޕީއީ)އިން ބުނެފިއެވެ.
ހ.ތިލަފުށި ގޭގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ، ގާތްގަނޑަކަށް 400އެއްހާ މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ޑީޕީއީން އިއްޔެ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދަރިވަރުންގެ ތެރެއިން އަންނަ މަހުގައާއި ނޮވެމްބަރުމަހުގައި އޮންނަ ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވާންޖެހޭ ދަރިވަރުންނަށް ސްޓޭޓެމެންޓް އޮފް އެންޓްރީ ހިލޭ ލިބޭނެ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އާއިލާތަކަށް ހަމްދަރުދީ ދަންނަވާ ކަމަށްވެސް ޑީޕީއީގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދަރިވަރުން ކުލަ ހެދުމުގައި ސްކޫލަށް ދެވޭނެ ކަަމަށާއި، ދަރިވަރުންނަށް ފޮތްތައްވެސް ފޯރުކޮށްދޭނެ ކަަމަށް ބުނެފައެވެ.