އިބްރާހިމް ޒަކީ
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ދައުރުން ބޭރުން އަދިވެސް ރާއްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަވާނެ ކަމަށާއި، ދެން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަވާނީ، އެ ބިލް ކޮމިޓީން ފުރިހަމަކޮށް މަޖިލީހުގެ ތަޅުމަށް ގެނައުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
އެބިލުުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނައިބުރައީސް ވިދާޅުވީ، އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ އެބިލު ކޮމިޓީން ދިރާސާ ކުރުމަށްފަހު، އާއްމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށެވެ. އޭގެ އިތުރުން އެ ބިލާބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ ކޮމިޓީން މަޝްވަރާނެ ކަމަށާއި ކޮމިޓީން ބިލު ނިންމުމަށްފަހު އެކުލަވާލާ ރިޕޯޓް މަޖިލީހުގެ މެންބަރުންގެ ކޮމެންޓަށްވެސް ފޮނުވާނެ ކަމަށެވެ.
އެއަށްފަހު ކޮމިޓީ ރިޕޯޓް މަޖިލީޖހުގެ ތަޅުމާ ހަމައަށް އައުމުން، ބިލުގެ މަސައްކަތް ނިންމުމަށް މަޖިލީހުގެ ހާއްސަ ޖަލްސާއެއް ދެން ބާއްވާނެ ތާރީހެއް ކަނޑައަޅުއްވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރުމަށްފަހު ޓެރަރިޒަމް މަނާ ކުރުމުގެ ގާނުނަށް އިސްލާހު ގެނައުމުގެ ބިލް އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ، ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.