އިބްރާހިމް ޒަކީ
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްފަހު، ބިލް އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ، ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެން ބިލް މަޖިލީހަށް ބަލައިގަތުމަށް ފަހުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިހުގެ ނައިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބުދުﷲ ވިދާޅުވީ ކޮމިޓީން ބިލްގެ ހުރިހާކަމެއް ފުރިހަމަ ކުރައްވާނެ ކަމަށެވެ.
މި ބިލުގައި ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތައް ދިނުމަށް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކޮށް ބަލައި ފާސް ކުރުމާއި، ބަންދުގައި މީހުން ބޭއްތިއްމުމުގެ މުއްދަތު އިތުރު ކުރުން ހިމެނެއެވެ. މީގެ އިތުރުން ހަނު ހުރުމުގެ މިނިވަން ކަމާއި، ވަކީލުން ބޭނުން ކުރުުމުގެ ހައްގަށްވެސް ބިލުގައި ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.
ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދަންޖެހޭ ތަހުގީގު ކުރިއަށް ގެންދަން، ޓެރަޒިމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.
ރިލްވާންގެ މަރުގެ މައްސަލައާބެހޭގޮތުން މިމަހު ނުވަ ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން ފާހަގަ ވެފައިވާ ކަމަށާއި ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.