މާލެ

ގ. ފެހިމާގެއަށް އިތުރު ކެމިކަލްތަކެއް މިއަދު ވައްދައިފި

އާނިފާ ހުސެއިން ސިރާޖް

1

ގ. ފެހިމާގެއަށް މިއަދު އިތުރު ކެމިކަލްތަކެއް ވައްދައިފިއެވެ.

މި ކެމިކަލްތައް އެގެޔަށް ވައްދާފައި މި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް، އެ މައްސަލަ ޑިސާސްޓަ މެނޭޖްމެންޓު ސެންޓަރަށް ގެންނަވައި، އެކަމަށް އެ ސެންޓަރުން "އެކްޝަން" ނަގާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި ކެމިކަލް ހުރި ގުދަނެއްގައި ރޯވެ މާލޭގައި ހިންގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާ މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގާފައި ވަނިކޮށެވެ.

ނަމަވެސް މިއަދު ހެނދުނު އަނެއްކާވެސް ގ. ފެހިމާގެއަށް ދެ ލޮރީގެ ފައިބަރ ގުލާސް ކެމިކަލް ވައްދާފައިވާ ކަމަށް އެ މަންޒަރު ދުށް މީހަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. އަދި ކެމިކަލް ފީފާތައް އެ ގެޔަށް ވައްދާ ކަމަށް ބުނެ މީސްމީޑިއާގައި ވީޑިއޯ އަދި ފޮޓޯތައް ވެސް އަންނަނީ ދައުރުވަމުންނެވެ.

އެ ގެއަށް އިތުރު ކެމިކަލް ލޯޑު ކުރަމުން ދަނީ އެތަކެތި ވައްދާނެ އިތުރު ތަނެއް ނެތުމުގެ ސަބަބުން އެތަނަށް ވެއްދުމުގެ ހުއްދަ ފުލުހުން ދިނުމުން ކަމަށް އެފަރާތުން ބުނި ނަމަވެސް، ފުލުހުން ބުނީ ކެމިކަލް ގުދަންތަކާ ގުޅޭ ކަންކަމުގައި ފުލުހުން އެއްވެސް ބަޔަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. ފުލުހުން ބުނީ މިއަދު ހެނދުނު އެ ގެޔަށް ކެމިކަލް ވައްދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ތަނަށް ދިޔަ ކަމަށާއި އެ ގުދަނުގައި ތިބި މީހުން ވަނީ، އެ ތަނަށް ކެމިކަލް ވެއްދުމަށް މިނިސްޓްރީ އޮފް ޑިފެންސުން ދީފައިވާ ހުއްދަ ދައްކާފައި ކަމަށެވެ. އެހެން ކަމުން އެ ކަން ޑިފެންސްގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކެމިކަލް ރައްކާކޮށް ގުދަން ކުރުމުގެ ގަވައިދެއް އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެފައިވީ ނަމަވެސް މިއަދު ގ. ފެހިމާގެއަށް ކެމިކަލް ވެއްދީ އެފަރާތުން ހުއްދަ ދީގެންތޯ ކުރި ސުވާލަށް ވަނީ އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭގޮތް ނުވެފައެވެ. އެމްއެންޑީއެފް މީޑިއާ ގުރޫޕުގައި ތަކުރާރުކޮށް މީޑިއާތަކުން ސުވާލު ކުރުމުން ވެސް މީޑިއާގެ ސުވާލު ތަކަށް އެމްއެންޑީއެފުން ސީދާ ޖަވާބެއް ދީފައެއް ނުވެ އެވެ.

މިއަދު ގ. ފެހިމާގެއަށް ވެއްދި ކެމިކަލްސްތައް

ރިލްވާން ލަތީފު ކިޔާ މީހަކު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ވެސް ފެހިމާގޭގައި ގުދަން ކުރާ ކެމިކަލް ތަކުގެ ވާހަކަ މީސްމީޑިއާގައި ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. ނަމަވެސް އެކަމަށް އެއްވެސް ފަރާތަކުން ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި ރިލްވާން ލަތީފް ކުރި ޓުވީޓް
ރިލްވާން ލަތީފްގެ ޓުވީޓަށް ރިޕްލައި ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކުރެއްވި ޓުވީޓު

މާލޭ އަބަދަށް ފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ގޮވި ބާރުގަދަ ގޮވުންތަކާއެކު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އަންނަ ހަފުތާގައި ސިފައިންނާ ގުޅިގެން މާލެ ސަރަހައްދުގައި ހުރި ހުރިހާ ގުދަންތަކެއް ޗެކުކުރާނެ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.

126 ކެމިކަލް ގުދަން ހުރިކަން ފާހަގަވިއިރު، އޭގެތެރެއިން 83 ގުދަނަކީ މީހުން ދިރިއުޅޭ ގެތަކުގައި ހަދާފައިހުރި ގުދަން ކަމަށާއި 98 ގުދަން ހުރީ މީހުން ދިރިއުޅޭ އިމާރާތްތަކާ އިންވެގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ހުރި ގުދަންތައް ޗެކްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށަން ނިންމިއިރު، މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ބަދަލުކުރުމަށް ރައީސް ސޯލިހު ވަނީ އަންގަވައިފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނަކަށާއި ހަ ގެއަކަށް އަލިފާނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އިމާރާތެއްގެ ތެރޭގައި ތާށިވެ، ނުނިކުމެވުނު ތ. ބުރުނީ، ފެންފިޔާޒުގެ، އައިޝަތު ޝައުނާ، 46އ.، ވަނީ ނިޔާވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟