ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޒަކާތު ފަންޑު ބޭނުން ކުރުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

ފަތޯނާ ފާއިޒު

މިވަގުތަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ ޒަކާތު ފަންޑު ހުޅުވައިލަންވީ ވަގުތުކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިވަގުތަކީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ޒަކާތު ފަންޑު ބޭނުންކުރަންވީ ވަގުތު ކަމަށާއި، ކުއްލި ހާލަތެއް މެދުވެރިފައިވާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އަދި މާލީ އެހީތެރިކަން ޒަކާތު ފަންޑުން ފޯރުކޮށްދިނުމަކީ ޝަރުއީ ގޮތުން ބަލާއިރު ހުއްދަ ކަމެއް ކަމަށެވެ.

ހުކުރުދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ، ހަލުވި މިނުގައި އެ އަލިފާންގަނޑު ވަނީ ކައިރީގައި ހުރި އިމާރާތްތަކަށްވެސް ފެތުރި، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން އެ ހާދިސާގައި އެކަކު ނިޔާވެ، 400އެއްހާ މީހުންގެ މުދަލަށް ގެއްލުން ލިބިފައިވާއިރު، ސަރުކާރުން ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާނެ ކަމަށް ބުނެފައެވެ.

ޑިޒާސްޓަރ މެނޭޖްމެންޓު ސެންޓަރުން ބުނީ ހާލުގައި ޖެހިގެން، އެ ސެންޓަރުގައި ގިނަ ބަޔަކު ރަޖިސްޓްރީވަމުން އަންނަ ކަމަށާއި، ރަޖިސްޓްރީވެފައިވާ މީހުންގެ 95 އިންސައްތައަށް، ވަގުތީ ހިޔާ ހަމަޖައްސައިދީފައިވާ ކަމަށެވެ.

ޑރ.ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓް