ރިޔާސީ އިންތިހާބު

ފިރިކަލުންނަކީ ގައުމު ދެކެ ލޯބިވާ، ގައުމުގެ މުސްތަގުބަލާ މެދު ތަސައްވަރުތަކެއް ދެކޭ ވެރިއެއް: ފަސްޓް ލޭޑީ

ފިރިކަލުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ގައުމުދެކެ ލޯބިވާ، ގައުމުގެ ކުރިމަގާމެދު ގިނަ ހުވަފެންތަކެއް ދެކެވަޑައިގަންނަވާ ވެރިއެއް ކަމަށް ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް (މެޑަމް ފާތުން) ވިދާޅުވެއްޖެއެވެ.

ޓީވީއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފާތުން ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ގިނަ ކަމަށާއި، އެކަމަނާ ޔާމީން ސިފަކުރައްވަނީ ގައުމުދެކެ ލޯބިވާ، ގައުމުގެ ކުރިމަގާމެދު ބޮޑެތި ހުވަފެންތަކެއް ދެކިލައްވާ ވެރިއެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ޔާމީނަކީ ގައުމު ދެކެ ލޯބިވާ، މުސްތަގްބަލާމެދު ވިސްނަވާ، ގައުމު ކުރިއަރުވަން ވަރަށް ގިނަ ހުވަފެންތަކެއް ދެކެވަޑައިގެން އަދި އިސްލާމްދީނާއި ގައުމުގެ ސިޔާދަތު ދަމަހައްޓަވަން މަސައްކަތްކުރައްވާ ބޭފުޅެއް. އަދި ވަރަށް ގާބިލުކަމާއެކު ކަންކަމާ ކުރިމަތިލައްވައިގެން އެކަންކަން ކާމިޔާބުކުރައްވައިފި. އެހެންވެ ދިވެހިން ރައީސް ޔާމީނަށް ވޯޓުދެއްވަންވީ،
ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް

މެޑަމް ފާތުން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ދައުރުގައި ފިރިކަލުން ޔާމީން ގެނެސްދެއްވީ 50 އަހަރާ ނުބައްދަލު ތަރައްގީ ކަމަށާއި، ހުރިހާ ދާއިރާއަކުންވެސް އެކަން ފެންނަމުންދާ ކަމަށެވެ.

"މި ފަސް އަހަރު އެމަނިކުފާނު އެ ގެންނެވީ 50 ވަަރަކަށް އަހަރުން ނުގެވެނޭ ވަރުގެ ތަރައްގީ. ސިއްހީ ކަންތަކަށް ބެއްޔަސް، ތައުލީމުގެ ގޮތުން ބެއްޔަސް، ވިޔަފާރީގެ ރޮނގުން ބެލިޔަސް، މާލެ އެކަންޏެއް ނޫން ދެއްތޯ، ރާއްޖެތެރޭގެ ރަށްރަށް ވެސް،" މެޑަމް ފާތުން ވިދާޅުވިއެވެ.

މެޑަމް އިތުރަށް ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި އެކަމަނާއަށްވެސް ގިނަ ރަށްތަކެއްގެ ރައްޔިތުންގެ ހާލު ވަރަށް ކައިރިން ބެލިފައިވާ ކަމަށާއި، އެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް އިވުނީ އަސަރުގަދަ އަޑުތަކެއް ކަމަށެވެ. އަދި ކެމްޕޭނުގެ ތެރެއިންވެސް ގިނަ ކަންތައްތަކެއް ހައްލުކޮށްދީފައިވާނެ ކަމަށާއި، މިހާތަނަށް ހައްލު ނުވެ ހުރި ކަންކަންވެސް ނޯޓުކޮށް، މިހާރުން މިހާރަށް ހައްލުކުރަމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މެޑަމްގެ އިންޓަވިއުގައި ފާހަގަކުރައްވާފައިވެއެވެ.

ރިޔާސީ ކެމްޕޭނުގެ ޕޯޑިއަމްތަކުން މެޑަމް އެހާ ބޮޑަށް ނުފެނުނު ނަމަވެސް، އެކަމަނާ ފާހަގަކުރެއްވުނީ ގިނަ ރަށްތަކަކަށް ގޮސް، ކެމްޕޭން ހަރަކާތުގައި އަވަދިނެތި އުޅުއްވިތަނެވެ. ހާއްސަކޮށް އިޖުތިމާއީ ކަންކަމުގައި މެޑަމް ފާތުން އަބަދުވެސް ފާހަގަކޮށްލެވެއެވެ.