ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މިއަދު ފަށަނީ

އިބްރާހިމް ޒަކީ

1

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ މިއަދު 10:00 ގައި ފަށާނެއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިމަހު 12ގައި ބޭއްވި ޖަލްސާގައި ވަނީ އެ ބިލުގެ މަސައްކަތަށް، މަޖިލީހުގެ ހާއްސަ ޖަލްސާތައް ބާއްވާ ސަބަބާމެދު ބަހުސްކޮށް، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި އޮންނާނީ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމެވެ.

އިބްތިދާއީ ބަހުސް ކުރުމަށްފަހު އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާން މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންވާތޯ ވޯޓަށް އައްސަވާނެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދަންޖެހޭ ތަހުގީގު ކުރިއަށް ގެންދަން، ޓެރަޒިމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.

ރިލްވާންގެ މަރުގެ މައްސަލައާބެހޭގޮތުން މިމަހު ނުވަ ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން ފާހަގަ ވެފައިވާ ކަމަށާއި ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނު ބައްޓަން ވެފައިވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނަށްވުރެ ބޮޑަށް އެހެންދިމާލަަކަށް އަމާޒުވެގެން ކަމަށާއި، ޓެރަރިޒަމްއަކީ ކޮބައިގަން ރަނގަޅަށް ޑިފައިންކޮށް އެ ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މައްސަލަ ކުރިއަށް ގެންދާއިރުގައި ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރެވޭ، ހާއްސަކޮށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް އެބަ ގެންނަން ޖެހޭ، މިހާރު ޓެރަރިޒަމްގެ ގާނޫނު އޮތް ގޮތުން އޭގެ އަސްލު ޓެރަރިސްޓުނާއި ނޫނިއްޔާ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ދިމާލަށް ދިއުމަށްވުރެ ބޮޑަށް އަމާޒުވެފައިވަނީ މުޅިން އެހެންދިމާލަކަށް، އެހެންވީމާ ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރަން އެބަޖެހޭ،" އެދުވަހު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ މަސްލަހަތާ ގުޅޭ މިފަދަ ބޮޑެތި ކަންތައްތައް ތަހުގީގު ކުރަމުން އަންނައިރު މީހުން ހައްޔަރު ކޮށްފައި ބޭތިއްބޭނެ މުއްދަތަށް ބަދަލު ގެންނަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަދި އިސްލާހު ހުށަހަޅާފައެއްނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟