ޝަހީދާ އަބްދުﷲ ސައީދު
މާލެ ސަރަހައްދުގައި ހުރި ގުދަންތައް ޗެކް ކުރުމުގެ މަސައްކަތް އަންނަ ހަފުތާ ތެރޭގައި ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ އަބަދަށް ފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ގޮވި ބާރުގަދަ ގޮވުންތަކާއެކު އިއްޔެރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، އަންނަ ހަފުތާގައި ސިފައިންނާ ގުޅިގެން މާލެ ސަރަހައްދުގައި ހުރި ހުރިހާ ގުދަންތަކެއް ޗެކުކުރާނެ ކަމަށެވެ.
އެގޮތުން މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލޭގައި ހުރި ހުރިހާ ގަރާޖަކާއި ގުދަނެއް ބަލައި ފާސްކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި އެތަންތަން ޗެކް ކުރުމުގައި މުދާ ނެރެން ޖެހޭފަދަ ހާލަތެއްގައި ހުރެއްޖެނަމަ އެތަނަކުން މުދާ ހުސްކުރަން ވެސް އަންގާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ އިމާރާތްތަކުގައި ގުދަން ހަދަން ތިން މަހުގެ ވަަގުތީ ހުއްދައެއް ދެނީ ހަމައެކަނި އިމާރާތުގެ ވެރިފަރާތަށް ކަމަށާއި ނަމަވެސް އޭގެ ފަހުން ގުދަން ގަރާޖަކަށް ނުވަތަ ހޮޓަލަކަށް ބަދަލުކޮށް، ގޭގެ ވެރި ފަރާތުން އެހެން މީހަކަށް އެތަން ކުއްޔަށް ދެމުންދާ ކަމަށެވެ.
އެއްވެސް ހާލެއްގައި އިމާރާތުގެ ވެރި ފަރާތް ނޫން އެހެން ފަރާތަކަށް ގުދަނާއި ފިހާރަ އަދި ކެފޭ ހަދަން ސިޓީ ކައުންސިލުން ހުއްދަ ދެމުން ނުދާ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ގޭގެ ވެރިމީހާ އެހެން މީހުންނަށް ކުއްޔަށްދީ، އެފަދަ ތަންތަން ރަނގަޅަށް ބަލަހައްޓަމުން ނުދާކަން ވެސް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ހުރި ގުދަންތައް ޗެކްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށަން ނިންމިއިރު، މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ބަދަލުކުރުމަށް ރައީސް ސޯލިހު ވަނީ އަންގަވައިފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށާއި އިތުރު ހަތް ގެއަކަށް އަލިފާނުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އިމާރާތެއްގެ ތެރޭގައި ތާށިވެ، ނުނިކުމެވުނު ތ. ބުރުނީ، ފެންފިޔާޒުގެ، އައިޝަތު ޝައުނާ، 46އ.، ވަނީ ނިޔާވެފައެވެ.