ޝަހީދާ އަބްދުﷲ ސައީދު
އިމާރާތުން ބައެއް ކުއްޔަށް ދޭނަމަ، އެތަނަކަށް ވައްދާ ތަކެތި އިމާރާތުގެ ވެރި ފަރާތުން ބަލައި ޗެކް ކުރަން ޖެހޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ، ގުދަނަކަށް ހުއްދައެއް ދެނީ އެތަނަކަށް ވަކި އެއްޗެހިތަކެއް ވައްދަން ނަމަވެސް ހުއްދަ ދޭ އެއްޗިހީގެ އިތުރުން ހުއްދާގައި ނެތް އެހެން ތަކެތި ވެސް ގުދަންތަކަށް ވައްދާ ކަމަށެވެ.
އެހެންކަމުން، ކުއްޔަށް ދޭ ތަނަކަށް ތަކެތި ވައްދާނަމަ އިމާރާތުގެ ވެރި ފަރާތުން އެ ތަކެއްޗެއް ބަލައި ޗެކު ކުރަން ޖެހޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
''ފުރަތަމަ ހުއްދައަށް އެދޭނީ ފިހާރައެއް ހިންގަން. ދެން ދުވަސްކޮޅަކުން ފިހާރަ އުވާލައިފަ އަންނާނެ ކެފޭއެއް ހުޅުވަން ހުއްދަ ނަގަން. ދެން އަންނާނީ ގަރާޖެއް ހިންގަން. އެހެންވީމަ މާލޭގެ ހާލަތު އެންމެންނަށް ވެސް އެނގޭ. ހަ ގެ އެއް އަނދައިގެން ދިޔައިރު މިހުރީ އެތާގެ ހަތަރު ތަނެއްގައި ގުދަން ހެދިފައި. އަދި ހުއްދައެއް ދިން ނަމަވެސް އޭގެ ތިން ހަތަރު މަހެއްވީމަ ދެން ބަލާއިރު ހުންނަނީ ހުއްދަދިން މުދަލެއް ނޫން ވައްދާފައި. ގެދޮރު ކުއްޔަށް ދޭ އިރު އެތަންތަނަށް ވައްދަނީ ކޮންކޮން އެއްޗެއްތޯ އިމާރާތުގެ ވެރިފަރާތުން ވެސް ބަލަން ޖެހޭނެ،'' ޝިފާ ވިދާޅުވިއެވެ.
މާލޭގައި ހިނގާ ވަރަށް ގިނަ ކަންކަމާ ގުޅޭ މައުލޫމާތުތަކާއި ރައްޔިތުންގެ ޝުއޫރުތައް މީސް މީޑިއާގައި ކުރާ ޓްވީޓުތަކާއި ޕޯސްޓްތައް ސިޓީ ކައުންސިލަށް ލިބޭކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ، އެފަދަ ކަންކަމާ ކުރިމަތިލާން ޖެހުމުން ކަމާ ގުޅުންހުރި އިދާރާތައް ހާޒިރުކޮށް ޖަވާބުދާރީ ކުރުވި ނަމަވެސް ކަންކަން ކުރާނެ ބަޖެޓެއް އަދި ބޭނުންވާ ވަރަށް މުވައްޒަފުން ވެސް ނެތް ކަމަށެވެ.
އަދި މުޅި މާލޭގެ ކަންކަން ބަލަހައްޓަން ސިޓީ ކައުންސިލަށް ހަތް ސުޕަވައިޒަރުން ލައިގެން އެންމެ އެދެވޭ ގޮތެއްގައި މާލެތެރެ ނުބެލެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމަުން ދުނިޔޭގެ އެހެން ސިޓީތަކުގައި ވެސް އަމަލުކުރާ ފަދައިން އެ ސިޓީއަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ބާރު ތަކާއި އެކަމަށް ހޭދަކުރާނެ ބަޖެޓެއް ދިނުމަކީ މިވަގުތު މާލޭގެ ހާލަތު ރަގަޅު ކުރަން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ޝިފާ ވިދާޅުވިއެވެ.