ޝަހީދާ އަބްދުﷲ ސައީދު
ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެން ބޮޑުވާތީ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަންނަ މަހު ބޮޑު މަޝްރޫއު އެއް ފަށަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެއަށް ރެ އާއި މިއަދު ކުރި ވިއްސާރާގައި މަގުތަކުގައި ފެންބޮޑުވެ ގިނަ ގެތަކަށް ފެން ވަދެ، ގެއްލުންތަކެއް ލިބުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ، މިދިޔަ ޑިސެންބަރު މަހު މާލޭގަައި ފެންބޮޑުވެ ހިނގި ހާދިސާތަކަށްފަހު ސިޓީ ކައުންސިލުން އޮތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެންނެވެ.
އެގޮތުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެމްޑަބްލިޔުއެސްސީއާ ގުޅިގެން އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެން ހިންދުމުގެ މަޝްރޫއު ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މާލޭގެ މަގުތައް ރަގަޅު ފެންވަރަކަށް ތައްޔާރުކުރުމުގެ ގޮތުން މަގުތައް ހެދުމަށް ގެންނަންޖެހޭ ބަދަލުތަކާއި ޑިޒައިންތައް ވެސް އަންނަ މަހުގެ ކުރީކޮޅަށް ނިމޭނެ ކަމަށެވެ.
''މަގުތައް ހަދާ ވާހަކަ އަޅުގަނޑު މި ފާހަގަކޮށްލަނީ ކޮންމެ ފަހަރަކު ފެންބޮޑުވީމަ ޕަމްޕުޖަހާ މިގޮތައް މި މާލެއަކު އަބަދަކު އުޅެވޭކަށް ނެތް. ކިރިޔާ ވިއްސާރަ ވިލާކޮޅެއް ދައްކާލާ އިރަށް އެންމެން ހޭލާ ތިބެގެން މާލޭގެ މަގުތަކުގައި ޕަމްޕު ޖަހައިގެން. މީއީކީއެއް ނޫން އަސްލު އަޅުގަނޑުމެން އުޅެންޖެހޭނެ ގޮތަކީ،'' ސަމާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މާލެއަށް ރެ އާއި މިއަދު ކުރި ވިއްސާރައާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޝަމާއު ވިދާޅުވީ، 111 ގެ އަކަށް ފެންވަދެ، ގެއްލުންވެފައިވާ ކަމަށެވެ. އަދި ރޭ 1:15 ހާއިރު އެލާޓް އައުމާއެކު ފެން ހިންދާ ޕަމްޕުތަކުގެ ހާލަތު ބަލައި، ރޭ މެންދަމު ސިފައިންނާ ގުޅިގެން ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 5000 ބަސްތާ ވެލި އެކި ސަރަހައްދުތަކަށް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.