މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ބެލެހެއްޓުމަށް އިތުރު މުވައްޒަފުން ބޭނުންވޭ: ސިޓީ ކައުންސިލް

މާލޭ ސިޓީ ބެލެހެއްޓުމުގެ މަސައްކަތަށް މާލޭ ސިޓީ ކައުންސިލަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ ކަންކަން ދިމާވީމާ ބޭރުގެ ގައުމުތަކުން އަމަލުކުރާ ގޮތްތަކުގެ ވާހަކަތައް ދައްކާ ކަމަށާއި މާލޭގެ އަވަށްތައް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް، ސިޓީ ޕޮލިސިންގ ތައާރަފުކުރުމަށް ސިޓީ ކައުންސިލަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނަށް އަވަށްތައް ބެލެހެއްޓުމަށް ސިޓީ ޕޮލިސިންގ، ނޫނީ މާލެ ބެލެހެއްޓުމަށް އިތުރު މުވައްޒަފުން. މާލެ އިންސްޕެކްޓް ކުރުމަށްޓަކައި އިތުރު މުވައްޒަފުން އަޅުގަނޑުމެން ބޭނުންވޭ. އަދި އެ މުވައްޒަފުންނަށް ރަނގަޅު ޓްރެއިނިންގ ދީފައި، މާލޭ ސަރަހައްދު ބެލެހެއްޓޭނެ ގޮތްތައް ވެސް ހަދަން އަޅުގަނޑުމެން ބޭނުންވޭ. މިކަންކަމަށް ސަރުކާރުގެ ފަރާތުން ވީހާވެސް އަވަހަކަށް އެހީތެރިކަން ބޭނުންވާ ވާހަކަވެސް ދަންނަވާލަން،" އޭނާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ލާމަރުކަޒީވެގެން ބާރުތަކެއް ލިބިގެން އަންނަ އިރު، ސިޓީ ބަލަހައްޓާނެ ބަޔަކު ވެސް ބޭނުންވާ ކަމަށާއި އެހެންވީމާ މިހާރު މާލެ ބެލެހެއްޓުމަށް ހަރަކާތްތެރިވާ ހަތް މުވައްޒަފުންނާއެކު މަސައްކަތްކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް އެހެން ގައުމުތަކާ އެއް ހަމައެއްގައި ހިނގަން ބޭނުންވާކަމަށްވަންޏާ، މި ހާލަތުގައި މާލެ ސިޓީ އޮތް އިރު، މި ހާލުން ދެން އަރައިގަތުމަށްޓަކައި ހުރިހާ މުއައްސަސާތައް ގުޅިގެން ކޮށްދެއްވަންވީ ކަމަކީ މާލެ ސިޓީ ބެލެހެއްޓުމަށްޓަކައި މި ބޭނުންވާ އަދަދަށް މީހުން، ޕޮލިސިންގ މިތަނުގައި ތައާރަފުކޮށްދިނުމަށް." އޭނާ ވިދާޅުވިއެވެ.

ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން އިތުރު ގެތަކަކަށް ރޭ އަލިފާން ފެތުރުނެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވިއެވެ. އެ ހާދިސާގައި އިމާރާތެއްގެ ތެރޭގައި ހުރި ތ. ބުރުނި ފެންފިޔާޒުގެ، އައިޝަތު ޝައުނާ، 46އ.، ވަނީ ނިޔާވެފައެވެ.