އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިދިކޮޅުގައި މިހާރު ރައީސްއަކީ ކޮބާ ކަމެއް ނޭނގެ: އަދުރޭ

އަހުމަދު ޖައިޝަން

ސަރުކާރުގެ އިދިކޮޅުގައި މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ހުންނެވީ ކޮން ބޭފުޅެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ވެރިކަން ބަދަލުވާއިރު މިއަދު ރައްޔިތުން ވަރަށްބޮޑަށް ފާރަވެރިވެގެން ތިބެން ޖެހޭނެ ކަމަށެވެ.

"އަންނި ތޯ އެއީ ރައީސުލްޖުމްހޫރިއްޔާއަކީ؟ ނޫނީ ގާސިމް އިބްރާހީމް އެއީތޯ ރާއްޖޭގެ ރައީސް އަކީ؟ ނޫނީ އިބޫތޯ ރައީސަކީ؟ މައުމޫނު ތޯ ރައީސަކީ ސުވާލު އުފެދޭ ހިސާބަށް ވަނީ ގޮއްސަ މިހާރު،" އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ފެނިގެންދަނީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑުއަށް ވަޑައިގެން ވަރަށް ތަފާތު ވާހަކަތައް ދައްކާ ބޮޑެތި ވައިދުތައް ވާ މަންޒަރު ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި ދެ ސަރުކާރެއް އުފެދޭ ކަމުގެ ސުވާލު އުފެދޭ ހިސާބަށްވެސް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.

"ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައިވޭ ބައެއް ސަރަހައްދުގައި ވަކި ސަރުކާރެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް. މިސާލަކަށް އައްޑޫ އެއް ބަޔަކަށް. ހަނިމާދޫ އަނެއް ބަޔަކަށް. ދެން އޮތް ތަނެއް އަނެއް ބަޔަކަށް ދޭއިރު އަޅުގަނޑުމެން ބަލަހައްޓައިގެނެއް ނުތިބޭނަން،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތްތަކުންގެ ވާހަކަތަކާއި އަމަލުތައް ދިމާ ނުވާ ކަމަށާއި އެކި ފަހަރު ދައްކަނީ އެކި ވާހަކަތައް ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

"ސަރުކާރު ފަސް ބަޔަކަށް ބަހަން ޖެހިއްޖެ މިހާރު. ދައްކާ ވާހަކައެއް ދެކޮޅެއް ދިމައެއް ނުވޭ. ރައީސް މައުމޫން ބޮޑު ތިލަދުންމައްޗަށް ވަޑައިގެންފަ ވިދާޅުވެދާނެ 50 ރަށް ހިއްކާފަ ރިޒޯޓް އަޅާނަމޭ. ގާސިމް އިބްރާހީމް ހަައްދުންމައްޗަށް ވަޑައިގެން ވިދާޅުވެފާނެ މުޅި ހައްދުންމަތި ހިޔާކޮށް އެއާކޯން ކުރައްވާނޭ. ޝެއިހް އިމްރާން މ. އަތޮޅަށް ވަޑައިގެން ވިދާޅުވެދާނެ މ. އަތޮޅު ކަނޑުތަކުގައި ކާޕެޓް އަޅާނޭ. އިބޫ އަކަށް ނޭނގެ ތިމަންނަ ފުއްދަންވީ ކޮން ވައުދެއް ކަމެއް ނުފުއްދަން ވީ ކޮން ވައުދެއް ކަމެއް،" އަދުރޭ ވިދާޅުވިއެވެ.