މާލޭ އިންޑަސްޓްރިއަލް ޒޯން ހަދަން ފެށުމުގެ ކުރިން ގުދަންތައް އެ ސަރަހައްދަށް ބަދަލުކުރަން އެދިފައިވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ގުދަންތައް އެކަހެރިކޮށް، އެހެން ތަނަކަށް ގުދަންތައް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑަސްޓްރިއަލް ޒޯން ހަދަން ފަށަމުންދިޔަ އިރު، އަޅުގަނޑުމެން އެދެމުންދިޔަ އެންމެ މުހިންމު އެއް ކަމަކީ މާލޭގެ އިންޑަސްޓްރިއަލް ޒޯނަކީ ގުދަންތައް ހަދާ ސަރަހައްދަކަށް ވެގެން ދިއުމުގެ ވާހަކަތައް،" އޭނާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ގުދަންތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ހުރިހާ މުއައްސަސާތައް ގުޅިގެން އަވަހަށް ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ކެމިކަލް ގުދަންތަކުގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފުން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ކެމިކަލް ގުދަނުގެ ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ އެމްއެންޑީއެފްގެ ފަރާތުން. މާލެ އެތެރެވާ ހުރިހާ ކެމިކަލެއްގެ ކަންތައްތައް ބަލަހައްޓަމުން ގެންދަވަނީ އެ މުއައްސަސާގެ ފަރާތުން. ވަރަށް ފަހުން ވެސް އެބޭފުޅުން ޗެކް ކުރެއްވި ހުރިހާ ގުދަންތަކެއް. އަޅުގަނޑުމެންގެ ފަރާތުން ވެސް މައުލޫމާތު ހޯއްދެވި،" އޭނާ ވިދާޅުވިއެވެ.
ޝިފާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ދައުރަކީ ގުދަނެއް ހުޅުވުމުގެ ފުރުސަތެއް ހޯދައިދިނުން ކަމަށާއި ގުދަން ހުޅުވުމުގެ ހުއްދަ ދޭއިރު އެތަނަށް ވައްދަނީ ކޮން އެއްޗެއްސެއް ކަމެއް އެވަގުތު ނޭނގޭނެ ކަމަށާއި ހުއްދަ ނަގާއިރު ކެމިކަލެއް ނުވަތަ ބޭސް ވައްދާ ކަމަށްވަންޏާ، އެތަނުގައި ސަލާމަތީ ފިޔަވަޅުތަކެއް ފުރިހަމަވެފައި ހުންނަން ޖެހޭ ކަމަށެވެ.
ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން އިތުރު ގެތަކަކަށް ރޭ އަލިފާން ފެތުރުނެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވިއެވެ. އެ ހާދިސާގައި އިމާރާތެއްގެ ތެރޭގައި ހުރި ތ. ބުރުނި ފެންފިޔާޒުގެ، އައިޝަތު ޝައުނާ، 46އ.، ވަނީ ނިޔާވެފައެވެ.