ޝަހީދާ އަބްދުﷲ ސައީދު
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުން މީހުން ހުސްކުރި ދެ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން މިއަދު ބުނީ، ރޭގެ ހާދިސާގައި މީހުން ހުސްކުރި އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން 700 ޔޫއެސް ޑޮލަރަކާއި އައިވޮޗަކާއި އައިޕެޑެއް ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ އިމަރާތުގެ އަށްވަނަ ފަންގިފިލާއިން 37،200 ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް މިއަދު ހެނދުނު 11:52 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ވައްކަންކުރި ގޭގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގެ ގެތަކުން މީހުން ނެރެފައިވަނިކޮށް، އެތަނުން ގެއަކުން ވައްކަންކުރި އިރު، ރޭގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީގެ ތަކެތި ފޯރުކޮށްދެމުން ދިޔައިރު ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމުގެ ނަމުގައި ފައިސާ ހޯދުމަށް ބައެއް ފަރާތްތަކަށް ގުޅަމުންދިޔަ މައްސަލައެއް ފެންމަތިވެފައި ވެއެވެ.