ޑރ. މުހައްމަދު ޖަމީލް އަހްމަދު

ސިފައިންނާއި ފުލުހުން އަދި އާންމުންގެ ފަރާތުން ރޭ ފެނިގެންދިޔައީ ލާމަސީލު ނަމޫނާއެއް: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ސިފައިންނާއި ފުލުހުން އަދި އާންމުންގެ ފަރާތުން ފެނިގެންދިޔައީ ލާމަސީލު ނަމޫނާއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް، އެހީތެރިކަން ފޯރުކޮށްދީ، އަދި އެ މުއައްސަސާތައް ހަރުދަނާކުރުމަކީ ގައުމުގެ ލީޑަރުންގެ ޒިންމާއެއް ކަމަށެވެ.

އަދި ރޭގެ ހިތާމަވެރި ހާދިސާއިން ގިނަ ފިލާވަޅުތަކެއް ދަސްކުރަންޖެހޭކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގުދަންކުރާ ތަކެތި ރެގިއުލޭޓްކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ހާދިސާތަކަށް އާންމުން އަހުލުވެރިކުރުވައި ތައްޔާރީ ފިޔަވަޅުތައް ދަސްކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައިފައިވާ އިރު، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން އާންމުންގެ ވަރަށް ގިނަ ފަރާތްތަކުން ބުރަ މަސައްކަތްތަކެއްކޮށްފައި ވެއެވެ.

އެގޮތުން ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިފައި ވަނިކޮށް، ރޯވެފައިވާ ގެތަކަށް ވަދެ، އެ އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުން ނެރުމަށް ސިފައިންނާއި ފުލުހުންނާއި އާންމުން މަސައްކަތްކޮށްފައި ވެއެވެ.

ރޭގެ ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ، މާލޭގައި ހުރި ގުދަންތައް ޗެކު ކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 15 ގައި މާލޭގައި ހުރި ގުދަންތައް ޗެކުކޮށް އެކަމުގެ ރިޕޯޓެއް ތައްޔާރުކުރުމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެންގުމުން ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅި ކަމަށެވެ.

މާރިޔާ ވިދާޅުވީ މާލޭގައި ހުރި ގުދަންތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރި އިރު 126 ގުދަން ހުރި ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށެވެ. އަދި އެ ތަންތަން ބަލައި ޗެކްކޮށް، ރަނގަޅުކުރަންޖެހޭ ތަންތަނަށް އެކަން ރަނގަޅު ކުރުމަށް އެންގި ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އަލިފާންގަނޑު ތެރެއިން މީހުން ސަލާމަތްކުރުމަށް ސިފައިން ވަރަށް ބޮޑު ރިސްކެއް ނެގި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ރޭގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާއަކީ އެންމެ ބޮޑަށް އަލިފާން ރޯވި އިމާރާތުގައި ދިރިއުޅުނު މީހެކެވެ. އެވަގުތު ގޭތެރޭގައި ތާށިވެފައި ހަ މީހަކު ތިއްބެވެ. އަލިފާންގަނޑު ގޭތެރެއަށް ފެތުރިފައިވާތީ ސިފައިންނަށް އޭގެ ފަހުން އެގެއަށް ނުވަދެވި، އަދި ޝައުނާއަށްވެސް ބޭރަށް ނުކުމެވޭ ގޮތް ނުވެ، އޭނާ ނިޔާވީއެވެ. ޝައުނާގެ ހަށިގަނޑު ވަނީ ކާކުކަން ދެނެ ނުގަނެވޭ ވަރަށް އަނދައިފައެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ޝައުނާ އޮތީ ނިދައިފައެވެ.