އުރީދޫ މޯލްޑިވްސް

އުރީދޫ ނަމްބަރުތަކަށް މިއަދު ހިލޭ ގުޅޭނެ، ވައިބާ އަދި ޓުވިޓާ ވެސް ހިލޭ

ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އުރީދޫ ނަމްބަރުތަކަށް މިއަދު ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.

އުރީދޫ އިން ބުނީ އެ ހިތާމަވެރި ހާދިސާގައި ނިޔާވި މީހާގެ އާއިލާ އާއި ގެއްލުން ލިބުނު އާއިލާތަކަށް ކުރިމަތިވި ހިތާމައިގައި އުރީދޫން ބައިވެރިވާ ކަމަށާއި އުރީދޫ ނެޓްވޯކުގައި ހިމެނޭ ނަމްބަރުތަކަށް މިއަދު ހިލޭ ގުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އުރީދޫން ވަނީ އެހެން ބައެއް ހިދުމަތްތައް ވެސް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައެވެ. އެގޮތުން އެހެން ނެޓްވޯކުތައް ބޭނުންކުރާ ކަސްޓަމަރުންނާ މުއާސަލާތު ކުރުމަށް ވައިބާ އިން ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައި، ހިލޭ މެސެޖު ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.

އޭގެ އިތުރުން ސޯޝަލް މީޑިއާގައި މައުލޫމާތު ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ މަގުސަދުގައި އުރޫދީން ވަނީ މިއަދު ޓުވިޓާ ވެސް ހިލޭ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފައެވެ. ނަމަވެސް އަލިފާނުގެ ހާދިސާގެ މައުލޫމާތުތައް ހިއްސާކުރާ އިރު، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ރަސްމީ އެކައުންޓުތަކުން ފޯރުކޮށްދޭ މައުލޫމާތު ހިއްސާކުރުމަށް އުރީދޫން އިލްތިމާސްކުރެއެވެ.

ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން އިތުރު ގެތަކަށް ރޭ އަލިފާން ފެތުރުނެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވިއެވެ. އެ ހާދިސާގައި އިމާރާތެއްގެ ތެރޭގައި ހުރި ތ. ބުރުނި ފެންފިޔާޒުގެ، އައިޝަތު ޝައުނާ، 46އ.، ވަނީ ނިޔާވެފައެވެ.