ޝަހީދާ އަބްދުﷲ ސައީދު
މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މިހާތަނަށް 443 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ އިސް ބޭފުޅުންނާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އިސްވެރިންނާ އެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 443 މީހުންގެ ތެރޭގައި ހިމެނޭ 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް 50 މީހަކަށް އޭޑީކޭގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި ސިފައިންގެ ހޮސްޕިޓަލް، ސެނަހިޔާގައި އެކަކަށް ފަރުވާ ދިން ކަމަށެވެ. އަދި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ވިދާޅުވިއެވެ.
އަލިފާން ނިއްވުމުގައި ސިފައިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު ދަންނަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރޭގެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ 7:24 ގައި ކަމަށާއި ސިފައިންގެ ފުރަތަމަ ވެހިކަލް ރޭ 7:32 ގައި އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އެންމެ ފަހު ވެހިކަލް އެ ސަރަހައްދަށް ދިޔައީ ރޭ 7:40 ގައި ކަމަށް ވިދާޅުވިއެވެ.
''ސިފައިން އެންމެ ފުރަތަމަ ބެލީ މީހުންގެ ފުރާނަ ސަލާމަތްކުރަން. އެންމެ ފުރަތަމަ ސަލާމަތް ކުރި އަންހެނަކު އިމާރާތުން ނެރެން އެހީތެރިވި ފަޔާ ފައިޓަރުވެސް ދުމުގެ އަސަރުކޮށްގެން ވެއްޓުނު. މީހުން ސަލާމަތްކުރަން ސިފައިން މަސައްކަތްކުރީ ފުރާނަ އަތްމައްޗަށް ލައިގެން. އެކަމަށްޓަކައި ސަރުކާރުގެ ފަރާތުން ސިފައިން ކުރި މަސައްކަތަށް ޝުކުރުއަދާކުރަން،'' މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ސިފައިންގެ 12 ވެހިކަލާއި 150 ސިފައިން ހަރަކާތްތެރިވި ކަމަށެވެ. އަލިފާން ނިއްވުމަށް އެންމެ ބޮޑު ހުރަހަކަށް ވެގެން ދިޔައީ އަލިފާން ރޯވި ތަން ހުރީ ހަނި މަގެއްގައި ކަމަށްވެފައި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކް ކޮށްފައި ހުރުމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
އަލިފާން ރޯވެގެން އިތުރު ގެތަކަށް ފެތުރުނު ހާދިސާގައި ފުރަތަމަ އަލިފާން ރޯވި ގުދަނަކީ، ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވިއެވެ. އެ ހާދިސާގައި އިމާރާތުގެ ތެރޭގައި ހުރި އަންހެނަކު ވަނީ ނިޔާވެފައެވެ.