ޝަހީދާ އަބްދުﷲ ސައީދު
މާލޭގައި ހުރި ގުދަންތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރި އިރު 126 ގުދަން ހުރި ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، މާލޭގައި ގުދަން ކުރަން ހުއްދަދެނީ ކުލާއާއި ތިނަރު އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ވައްތަރުގެ ކެމިކަލަށެވެ.
މާލޭގައި ކެމިކަލު ގުދަން ހުރުމާއި ގޭގޭގައި ޕެޓްރޯލް ވިއްކާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަން ވަގުތުން ހުއްޓުވި ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން 15 ޖެނުއަރީ 2019 ގައި މާލޭގައި ހުރި ގުދަންތައް ޗެކުކޮށް އެކަމުގެ ރިޕޯޓެއް ތައްޔާރުކުރުމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެންގުމުން ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅި ކަމަށް ވިދާޅުވިއެވެ. އަދި އެ ތަންތަން ބަލައި ޗެކްކޮށް، ރަނގަޅުކުރަންޖެހޭ ތަންތަނަށް އެކަން ރަނގަޅު ކުރުމަށް އެންގި ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
''މާލޭގައި، 126 ގުދަން ޗެކްކުރި. އޭގެ ތެރެއިން 80 އެއްހާ ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި. އެކަމަކު ތަންތަނުގައި ރައްކާކޮށްފައި ހުންނަނީ ހަމަ އެކަނި ހުއްދަ ދޫކޮށްފައިވާ ތަކެއްޗެއް ނޫން. ހުއްދަ ދެނީ ބްލީޗާއި ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެމިކަލް؛ އެހެން ބާވަތްތަކުގެ ކެމިކަލް މާލޭގައި ގުދަން ކުރަން ހުއްދައެއް ނުދޭ.'' މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގަނޑު ޕެޓްރޯލް ނުލިބޭތީ ގޭގެ އިން ޕެޓްރޯލު ވިއްކާކަމުގެ ޝަކުވާތައް ލިބެމުން ދިއުމުން، 24 ގަޑިއިރު ޕެޓްރޯލް ޝެޑްތަކުން ހިދުމަތްދޭ ގޮތަށް ހަމަޖެއްސި ކަމަށާއި އޭގެ ފަހުން އާއްމުންގެ ގޭގެއިން ޕެޓްރޯލް ވިއްކާ ކަމުގެ ޝަކުވާ ލިބިފައި ނުވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް ކަމަށް ވަނީ، ކެމިކަލު ހުރި ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި ހަ ގެޔާއި ހަތަރު ގުދަނެއް ވަނީ އަނދައިފައެވެ.