ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބުދުލް ގަފޫރު ޓަގްބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގައި 3 މަހާއި 18 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅުނު މައްސަލައާ ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް ކޮށްފައިވަނީ، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދީބަށް ދައުވާ ސާފުކޮށްދެއްވަމުން، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ނައުފަލް ވިދާޅުވީ، އަދީބުގެ މައްޗަށް ދައުވާ ކުރަނީ، ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) އަދި (ނ)ގެ ދަށުން ކަމަށެވެ.
އަދި އެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެ ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޕަބްލިކް ޕްރޮސެކިއުޓާ ވިދާޅުވީ ކުށަށް އަދީބު އިއުތިރާފު ވެއްޖެނަމަ އަންނަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.
މިކަމާ ގުޅިގެން ދައުލަތުން ކުރާ ދައުވާއަށް އިއުތިރާފުވާ ކަމަށާއި ފުލުހުންގެ އިދާރާގައިވެސް އެކަމަށް އިއުތިރާފުވެ ބަޔާން ދީފައިވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް މާފަށް އެދިފައިވާނެ ކަމަށާއި އެފަދަ ކުށެއް ތަކުރާރު ނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިދިޔަ އަންގާރަ ދުވަހު ޝަރީއަތުގެ މަޖިލީސް ނިންމާލާފައިވަނީ އަދީބު ދައުވާއަށް އިއުތިރާފުވުމާ ގުޅިގެން އަވަސް ނިޔާ އިން އެ މައްސަލަ ނިންމުމަށެވެ.