ފިކުރީ ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރާ ބެހޭ މައުލޫމާތު ދިނުމަށް ބ.އޭދަފުށީ ސްކަޫލުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ން އިންތިޒާމްކޮށްގެން ބޭއްވި އެ ބައްދަލުވުމަކީ، ހައްދުފަހަނައެޅުމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ތައުލީމީ ދާއިރާ އަހުލުވެރި ކުރުމަށްޓަކައި ބޭއްވި މަސައްކަތު ބައްދަލުވުމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހަސަން އަތީފު އިފުތިތާހުކޮށްދެއްވި އެ މަސައްކަތު ބައްދަލުވުމަކީ، އެންސީޓީސީއާއި އެމްއެންޑީއެފް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގި މަސައްކަތު ބައްދަލުވުމެކެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެންސީޓީސީ އާއި ފުލުހުންގެ ބޭފުޅުންގެ އިތުރުން، ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ.
މި ޕްރޮގްރާމުގައި މާޅޮސްމަޑުލު ދެކުނުބުރީގެ 12 ސްކޫލަކުން، 23 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އެންސީޓީސީން މައުލޫމާތުދެއެވެ.
މީގެ ކުރިންވެސް އެންސީޓީން ވަނީ މިފަދަ ޕްރޮގްރާމްތައް ހިންގައިފައެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، މާލެ ސަރަހައްދުތަކުގެ ސްކޫލްތަކާއި އައްޑޫ ސިޓީގެ ސްކޫލްތަކާއި ހުވަދުއަތޮޅު ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން، ހައްދުންމަތީގެ ސްކޫލްތަކުގެ ވެރިންނަށް އަމާޒުކޮށް އެފަދަ ޕްރޮގްރާމްތައް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ ހިންގައިފައެވެ.