ގޭތެރެއާއި ވަޒީފާގެ މައިދާނުގައާއި ކުޅިވަރުގެ މައިދާނުގައި ހެލިފެލިވެ، ބުރަކޮށް މަސައްކަތް ކުރުމަށްފަހު ވަރުބަލިކަން ފިލުވާލަން ބޮޑީ ޓްރީޓްމެންޓެއް ނުވަތަ މަސާޖެއް ކޮށްލުމަކީ ހަށިގަނޑުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، ހިތްހަމަ ޖައްސާލުމަށް އެންމެ އެކަށީގެންވާ އެއް ފަރުވާއެވެ.
ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް "ސޭންޑްސް ވެލްނެސް އެންޑް އެސްތެޓިކް"ގެ ނަމުގައި މާލޭގައި އިއްޔެ ހުޅުވި އާ ސްޕާއިން، "ސްޓްރެސް" ފިލުވާލައި، މީހާގެ ރޫހު ތާޒާ ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއެވެ.
ހ. ކަނދުގޮސްދޮށުގެ ހަވަނަ ފަންގިފިލާގައި ހުންނަ މި ސްޕާ އިއްޔެގެ ވަގުތެއްގައި ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.
"ދުވަހުގެ ރޫޓިންގެ ތެރެއިން، މަސައްކަތުގައި ބުރަކޮށް އުޅެފައި ހިތްހަމަ ޖައްސާލަން ބްރޭކެއް ނަގަން މިފަދަ ތަންތަން ހުރުމަކީ މުހިންމު ކަމެއް. ޒުވާން ވިޔަފާރިވެރިން މުޖްތަމައުއަށް ހިދުމަތް ކުރަން، އާ ވިސްނުންތަކަކާއެކު ކުރިއަށް ނުކުންނާނެ ކަމަށް އުއްމީދު ކުރަން،" ސްޕާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މެމްބަރު ރޮޒައިނާ ވިދާޅުވިއެވެ.
"ސޭންޑްސް ވެލްނަސް އެންޑް އެސްތެޓިކް" ސްޕާގައި މުޅިންވެސް ހުންނާނީ "އޯގަނިކް" އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ކަމަށް އެސްޕާގެ މެނޭޖްމެންޓުން ބުނެއެވެ. އެގޮތުން ބޮޑީ ޓްރީޓްމަންޓްތަކާއި މަސާޖު ތެރަޕީތަކާއި ސްޕެޝަލައިޒްޑް ޓްރީޓްމަންޓްތަކުގެ އިތުރުން، އެކްސްޕްރެސް ސްޕާގެ ހިދުމަތްތައްވެސް އެތަނުން ފޯރުކޮށްދޭނެއެވެ.
ސޭންޑްސް ސްޕާއިން ދޭ މަސާޖުތަކުގެ ތެރެއިން ރިލެކްސިން މަސާޖާއި އެރޯމާ ތެރަޕީ މަސާޖު ދެނީ ގުދުރަތީ ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ ތެޔޮ ބޭނުންކޮށްގެންނެވެ. އަދި ކުޅިވަރު ކުޅޭ މީހުންނަށް ހާއްސަކޮށްގެން ދޭ "ސްޕޯޓްސް ރިކަވަރީ" މަސާޖުގައި ބޭނުންކުރަނީ އެކަމަށް ހާއްސަ ހާބަލް ބޮޑީ ކޮމްޕްރެސްއެކެވެ.
"އަހަރުމެންނަށް ކަސްޓަމަރުންގެ ސިއްހަތާއި ދުޅަހެޔޮކަމުގެ އަގު ވަޒަންކުރެވޭ. އެހެންވެ ހިތްހަމަޖައްސާލަން، ހަމަހިމޭން މާހައުލެއް ފޯރުކޮށްދިނުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް. މިތަނުގައި ހުންނަ ގިނަ އުފެއްދުންތަކަކީ ގައިގެ ހަން ރީތިކަމުގައި ބަހައްޓައިދޭނެ އޯގަނިކް އުފެއްދުންތައް. އުއްމީދަކީ މި ސްޕާއަކީ އެންމެންގެ މެދުގައި މަގުބޫލު ސްޕާއަކަށް ހަދައި، ތަނުގެ ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާ ކުރުން." ސޭންޑްސް ވެލްނެސްގެ މާކެޓިން އެންޑް އޮޕަރޭޝަންސް ޑިރެކްޓަރު މަރިޔަމް ޝިޒްލީން ވިދާޅުވިއެވެ.