ޝަހީދާ އަބްދުﷲ ސައީދު
ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މ. އަތޮޅާއި ފ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ދެ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މ. އަތޮޅާއި ފ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
މުންދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެހެން އަތޮޅުތަކަށްވެސް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، ތިން ދުވަހަށް ކުރައްވާ މިދަތުރުފުޅުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކޯލިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރެއްވުމާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް މުންދު ވިދާޅުވިއެވެ.
މާދަމާ މ. އަތޮޅާއި ފ. އަތޮޅަށް ފުރާވަޑައިގަންނަވާ އިރު، ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ރައީސް ޔާމީން އާއި ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ މި މަހުގެ ފަސްވަނަ ދުވަހު އދ. އަތޮޅުގެ ތިން ރަށަކަށްވެސް ވަޑައިގެންފަ އެވެ.
އދ. އަތޮޅުގެ ތިން ރަށަކަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.