އަހްމަދު އަދީބު އަބްދުލްގަފޫރު

ފިލި މައްސަލައިގައި މާދަމާ އަދީބަށް ހުކުމް އިއްވަނީ

އިބްރާހިމް ޒަކީ

ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބުދުލް ޣަފޫރު ޓަގްބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގައި، އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.

ކްރިމިނަލްކޯޓުން އެ އަޑުއެހުން ވަނީ މާދަމާ 2:00އަށް ތާވަލު ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅުނު މައްސަލައާ ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް ކޮށްފައިވަނީ، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މި މައްސަލައިގެ ފުރަހަމަ އަޑުއެހުން ބޭއްވީ އިއްޔެއެވެ. އިއްޔެގެ އަޑު އެހުމުގައި އަދީބުވަނީ ދައުވާއަށް އެއްބަސްވެފައެވެ.

އިއްޔެގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދީބަށް ދައުވާ ސާފުކޮށްދެއްވަމުން، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ، އަދީބުގެ މައްޗަށް ދައުވާ ކުރަނީ، ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) އަދި (ނ)ގެ ދަށުން ކަމަށެވެ.

އަދި އެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެ ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޕަބްލިކް ޕްރޮސެކިއުޓާ ވިދާޅުވީ ކުށަށް އަދީބު އިއުތިރާފު ވެއްޖެނަމަ އަންނަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.

ދައުވާއަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވީ، ދައުލަތުން ކުރާ ދައުވާއަށް އިއުތިރާފުވާ ކަމަށާއި ފުލުހުންގެ އިދާރާގައިވެސް އެކަމަށް އިއުތިރާފުވެ ބަޔާން ދެއްވާފައިވާނެ ކަމަށެވެ. އަދި އެކަމަށް މާފަށް އެދިފައިވާނެ ކަމަށާއި އެފަދަ ކުށެއް ތަކުރާރު ނުވާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އޭރު ފިލަންޖެހުނީ އެކި ފަރާތްތަކުގެ ބިރު ދެއްކުންތަކާއި އިންޒާރުތަކާ ހެދި ފުރާނައަށް ނުރައްކާވާތީ ބޭރުގެ ހިމާޔަތް ހޯއްދެވުމަށް ކަމަށެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ، އިސްމާއިލް އަލީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާގޮތުން އަދީބު ކުށަށް އިއުތިރާފު ވެފައިވާތީ، އަވަސް ނިޔާއެއް ކަނޑައެޅުމަށްޓަކައި ދެންނަ އަންނަ އަޑުއެހުމެއް ފަސް ދުވަސް ތެރޭގައި ބާއްވަވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އަދީބު އުޅުއްވީ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.

އެމައްސަލައިގައި އިންޑިއާގެ ސަލާމަތީ ބާރުތަކުން، ހަމަ އެދުވަހު ކަނޑުމަތިން ޓަގު ބޯޓު ހިފަހެއްޓިއެވެ. އަދި އިންޑިއާގެ ސަލާމަތީ ބާރުތަކާއި ރާއްޖޭގެ ސަލާމަތީ ބާރުތައް ގުޅިގެން، އަދީބު ރާއްޖެ ގެނެސްފައިވަނީ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އަދީބު ފިލުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އެއާ ހިލާފުވެ ރާއްޖެއިން ފިލައިގެން ގޮސްފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

އަދި އެފަދަ ކަމެއް އޭނާގެ ފަރާތުން ދެން ވެސް ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދައުލަތުން ބުނާއިރު މައްސަލައިގެ ބާވަތަށް ބަލައި، އެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވެއެވެ.

އެކަމާ ގުޅިގެން އަދީބު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ފަހުން ޓެގު އަޅުވައި އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.