ބްރޯޑްކާސްޓިން ކޮމިޝަން

ލައިވް އިވެންޓް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލަށް އަމަލުކުރަން ފަށައިފި

ލައިވް އިވެންޓް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލު ފާސްކޮށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

ބްރޯޑްކޮމްއިން ބުނިގޮތުގައި ލައިވް އިވެންޓް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލު ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފާސްކުރި އެ އުސޫލަކީ ގާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ 36 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު)ގެ 19 ވަނަ މާއްދާގެ ދަށުން، ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރަކު ލައިވް އިވެންޓެއް ގެނެސްދެމުންދާ ވަގުތު، އެ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓެއް ގާނޫނާއި ގަވާއިދާ ހިލާފުވެގެން މެދުކަނޑާލުމުގައި އަމަލުކުރަންޖެހޭ ގޮތާއި އެފަދަ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.

އެ ކޮމިޝަނުން ފާސްކުރި އުސޫލުގައި އުސޫލުގައި ބްރޯޑްކާސްޓަރުންގެ ޒިންމާއާއި، ލައިވް އިވެންޓަކާ ގުޅޭ ޝަކުވާ ހުށަހަޅާނެ ގޮތާއި، މައްސަލަ ބަލާނެ ގޮތާއި، ލައިވް އިވެންޓްގެ މައްސަލަތަކުގައި ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ މުއާމަލާތްކުރާނެ ގޮތާއި އަދި ފިޔަވަޅު އަޅާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

އެ އުސޫލުގައިވާ ގޮތުން މައްސަލަ ކޮމިޝަނަށް ހުށަހަޅަން ޖެހެނީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގެ ދަށުން އެ އިވެންޓް ބްރޯޑްކާސްޓް ކުރަމުންދިޔަ ބްރޯޑްކާސްޓަރަށް ޝަކުވާ ހުށަހެޅުމަށްފަހު، އެ މާއްދާގެ (ނ)ގައިވާ ގޮތުގެމަތިން އެ އިވެންޓުގެ ލައިވް ބްރޯޑްކާސްޓް، އެ ބްރޯޑްކާސްޓަރަކު ހުއްޓާނުލައިފިނަމައެވެ.

އެ އުސޫލު އާންމުކުރާތާ ހަ ގަޑިއިރު ތެރޭގައި ލައިވް އިވެންޓެއްގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ ތައާރުޒުވާ ކޮންޓެންޓަކާ ގުޅިގެން ކޮމިޝަނުން އެ ބްރޯޑްކާސްޓަރަކާ މައާމަލާތުކުރެވޭނެ ހޮޓްލައިން ނަންބަރަކާއި އީމެއިލް އެޑްރެހެއް ލައިސަންސް ލިބިފައިވާ ކޮންމެ ބްރޯޑްކާސްޓަރަކު ވެސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި ބްރޯޑްކާސްޓަރަކާ މުއާމަލާތުކުރެވޭނެ ހޮޓްލައިން ނަންބަރެއް ނުވަތަ އީމެއިލް އެޑްރެހަށް އަންނަ ބަދަލު، އެ ބަދަލެއް އަންނަތާ 24 ގަޑިއިރުތެރޭ ކޮމިޝަނަށް އަންގަން ޖެހެއެވެ.

ކޮމިޝަނުގެ އުސޫލުގައިވާ ގޮތުގައި ލައިވް އިވެންޓެއްގައި މީހެއްގެ އަބުރާ ބެހިއްޖެ ކަމަށް ފެނިއްޖެ ހިނދެއްގައި އެފަދަ މީހުން ޝަކުވާ ހުށަހެޅުމަށްޓަކައި ހާއްސަކޮށްފައިވާ ވަކި އުސޫލެއް ކޮންމެ ބްރޯޑްކާސްޓަރަކު ވެސް އާންމު ކުރަން ޖެހެއެވެ.

ބްރޯޑްކާސްޓަރަކު ފޮނުވާ ލައިވް އިވެންޓަކާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ލައިވް ފީޑް މެދުކަނޑާލުމަށް ކޮމިޝަނުން އަންގާ އެންގުންތައް އެސްއެމްއެސް މެދުވެރިކޮށް ވެސް އެންގިދާނެ ކަމަށާއި އެފަދަ ހާލަތެއް މެސެޖު ޑެލިވާ ވެއްޖަކަމަށް ފޯނުން ނުވަތަ ސިސްޓަމުން ދައްކާނަމަ އެ ފަރާތަކަށް މެސެޖު ރައްދުވީ ކަމުގައި ބެލެވިދާނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.