ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންޓިފިކް ޖާނަލްއެއް ނެރެފި އެވެ.
މި ޖާނަލް ނެރެފައިވަނީ އޭޑީކޭގެ ފަރާތުންނެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއީ އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އަފްއާލް މި ސައިންޓިފިކް ޖާނަލް ރަސްމީކޮށް ނެރެދެއްވާފައި ވަނީ މިއަދު ފެށި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރޭގަ އެވެ. ސައިންޓިފިކް ޖާނަލް އޮފް ހެލްތު އެންޑް މެގަޒިންގެ ނަމުގައި ނެރުނު މި ޖާނަލްއަކީ ރާއްޖޭގައި ސައިންޓިފިކް ދިރާސާ ކުރުމަށް އިތުރު މަގުތައް ފަހިވާނެ ކަމެއް ކަމަށް އަފްއާލް ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ ރާއްޖޭގައި އޭޑީކޭއިން މި ސައިންޓިފިކް ޖާނަލް ނެރުމުން ދެން ކުރިއަށް ކުރަން އޮތް ކަމަކީ ސައިންޓިފިކް ރިސާޗް ހެދުން ކަމަށެވެ. އެގޮތުން މިހާރުވެސް އޭޑީކޭއިން ބްރެއިން އަދި ސްޕައިންގެ އެކި ރިސާޗް ކުރަމުން އަންނަ ކަމަށާއި، ރިސާޗް ނިމުނުހާ އަވަހަކަށް ސައިންޓިފިކް ޖާނަލްގައި ޝާއިއު ކުރާނެ ކަމަށެވެ.
އޭޑީކޭ އިން މިއަދު ތައާރަފުކުރި ސައިންޓިފިކް ޖާނަލް އަކީ ސައިންޓިފިކް ރިސާޗްގެ އިތުރުން ރާއްޖޭގައި ހިނގާފައިވާ މެޑިކަލް ހާދިސާތައް އެކުލަވާލައިގެން ޝާއިއުކުރާ ޖާނަލްއެއް ކަމަށް އޭޑީކޭއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން މި ޖާނަލް މެދުވެރިކޮށް ގިނަ ބަޔަކާއެކު އަމިއްލަ ރިސާޗުން ފެނިފައިވާ ކަންކަން ހިއްސާ ކުރުމުގެ އިތުރަށް މިއީ އަމިއްލަ ރިސާޗްތައް ޕަބްލިޝް ކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް އޭޑީކޭ އިން ބުނެއެވެ.
އޭޑީކޭ އިން މިއަދު ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ފަށައިފައިވާއިރު މިއީ މި ކޮންފަރެންސްގެ ތިންވަނަ އެޑިޝަނެވެ. މި ކޮންފަރެންސް ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެކަމަށް އޭޑީކޭ އިން މައުލޫމާތު ދެއެވެ.