އިބްރާހިމް ޒަކީ
މޯލްޑިވްސް އީ-ކޯޓު މެނޭޖްމަންޓް ސިސްޓަމް (މެމްސް) ގާއިމުކޮށް ބޭނުންކުރުމާބެހޭ އުސޫލަށް މިއަދުންފެށިގެން އަމަލު ކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސިްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ކޯޓު ތަކާއި އިދާރާތައް އޮޓޮމޭޓްކޮށް، ޒާމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ޝަރުއީ އަދި އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކޯޓުތަކާއި އިދާރާތައް އެއް ވިއުގައަކުން ގުޅާލައި ޑޭޓާމެނޭޖުކޮށް ރައްކާކުރުމަށް ބޭނުންވާ ޑޭޓާ ސެންޓަރެއް ގާއިމްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ހަމައަށް އައިސްފައި ކަމަށެވެ.
"މެމްސް"ގެ ތެރޭގައި ހިމެނެނީ ކޭސް މެނޭޖްމެންޓް ސިސްޓަމާއި، ވަރި ކައިވެނީގެ މޮޑިއުލް އާއި ކުށުގެ ރެކޯޑް މޮޑިއުލް އާއި އާކައިވް މޮޑިއުލް އާއި ހަރަދު މޮޑިއުލްއެވެ.
"މެމްސް" ގާއިމްކޮށް ބޭނުންކުރުމާބެހޭގޮތުން ޑީޖޭއޭއިން މިއަދު ނެރުނު އުސޫލުގައިވާގޮތުން ކޯޓުތަކާއި ޝަރުއީ ދާއިރާގެ އެހެނިހެން އިދާރާތަކުން ކުރިއަށްގެންދާ ޝާރީއަތާ ގުޅުންހުރި ކަންތައްތަކާއި، އިދާރީ މަސައްކަތްތައްވެސް ކުރިއަށް ގެންދަންޖެހޭނީ "މެމްސް" ބޭނުންކޮށްގެންނެވެ.
މެމްސްއަށް އަމަލުކުރުން ފާހަގަކޮށް ޑީޖޭއޭއިން ބުނީ ވަކި ވަކި ކޯޓު ތަކާއި އިދާރާތަކުގައި ހޯސްޓް ކޮށްފައިވާ ކޭސްމެނޭޖްމެންޓް ސިސްޓަމްތަކާއި، މޯލްޑިވްސް އީ ކޯޓު މެނޭޖްމެންޓް ސިސްޓަމްގެ އެންމެހައި އެޕްލިކޭޝަންތައް، އެ ޑިޕާޓްމަންޓްގައި ގާއިމް ކޮށްފައިވާ ޝަރުއީ ދާއިރާގެ ޑޭޓާ ސެންޓަރުގެ ސާވާ ތަކުގައި ހޯސްޓު ކުރުމަށާއި މެމްސްއާ ގުޅުން ހުރި އެންމެހައި ޑޭޓާ އެ ސާވާތަކުގައި ރައްކާކުރާގޮތަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފައިވާ ކަމަށެވެ.
މީގެ އިތުރުން ކޯޓުތަކާއި އިދާރާތަކުގެ ކޭސް މެނޭޖްމެންޓްގެ ހުރިހާ މަސައްކަތްތަކެއް މެމްސް މެދުވެރިކޮށް މަރުކަޒީ ނިޒާމެއްގެ ތެެރެއިން ކުރިއަށް ގެންދިއުމަށްޓަކައި ޝަރުއީ ދާއިރާގެ ވަކިވަކި ކޯޓުތަކާއި އިދާރާ ތަކުގެ ސާވާތަކުގައި މިހާރު ހޯސްޓް ކޮށްފައިވާ ކޭސް މެނޭޖްމެންޓް ސިސްޓަމްތަކާއި އެއާ ގުޅުންހުރި ޑޭޓާ، އަންނަ އޮކްޓޯބަރު މަހުގެ ނިޔަަލަށް ޝަރުއީ ދާއިރާގެ ޑޭޓާ ސެންޓަރުގައި ގާއިމް ކޮށްފައިވާ ސާވާތަކަށް ބަދަލުކޮށް ނިންމުމަށް ވެސް ޖޭއެސްސީން ނިންމާފައިވާކަމަށް ޑީޖޭއޭއިން ބުނެފައިވެއެވެ.