އިބްރާހިމް ޒަކީ
ގެދޮރު ކުއްޔަށްދީ ކުއްޔަށް ހިފުމާއި، އެއްމެދު އިމާރާތާބެހޭ ގާނޫނުގެ ބިލް ޑްރާފްޓްކޮށް ނިންމައި މިމަހުގެ ތެރޭގައި އެޓާނީޖެނެރަލް (އޭޖީ) ގެ ލަފައަށް ފޮނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ، އެ ދެބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރުވަނީ ނިމުމާ ގާތުގައި ކަމަށެވެ. އަދި އޭގެ ތެރެއިން އެއްމެދު އިމާރާތުގެ ބިލުގެ މަސައްކަތް ކުރިއަށްގެންދަނީ ލޯފާމަކާ ހަވާލުކޮށްގެން ކަމަށާއި، ސްޓޭކްހޯލްޑާސްއާއެކު މަޝްވަރާކުރެވި އެ ބިލުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ޝާމިން ވިދާޅުވިއެވެ.
ޝާމިން ވިދާޅުވީ ގެދޮރު ކުއްޔަށްދީ ކުއްޔަށް ހިފުމާބެހޭ ބިލު ތައްޔާރު ކުރަމުން އަންނަނީ އެ މިނިސްޓްރީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު އެ މިނިސްޓްރީން ކަމަށެވެ. އެ ބިލުގެ ފުރަތަމަ ޑްރާފްޓް ނިމި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ހިޔާލު ހޯދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާމިން ވިދާޅުވީ، ގެދޮރު ކުއްޔަށްދީ ކުއްޔަށް ހިފުމާބެހޭ ގާނޫނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުއްޔަށް ދޭފަރާތާއި ހިފާ ފަރާތުގެ ހައްގުތައް ރައްކާތެރި ކުރުން ކަމަށެވެ. އެގޮތުން ތަންތަން ކުއްޔަށް ދިނުމާއި، ހިފުމުގައި މަކަރާއި އޮޅުވާލުމުގެ އިތުރުން އެކަމުގައި ދިމާވާ ފައިސާގެ މައްސަލަތަކަށް މި ގާނޫނުން ހައްލު ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުގެ ފެންވަރާއި ވެންޓިލޭޝަނާއި އެތަންތަނަށް ވަދެ ނިކުތުމަށް ހަމަޖެހިފައިވާ ގޮތްތައް މި ގާނޫނޫގައި ކަނޑައަޅާފައި ވާނެ އެވެ. މީގެ އިތުރުން ތަންތައް ކުއްޔަށްދިނުމުގައި އެގްރިމެންޓްކުރާނެ ގޮތާއި، ކުލި ދައްކާނެ ގޮތާއި، އެޑްވާންސް ފައިސާ ނެގުމާއި، ދިނުމާއި، ބަހައްޓާނެ ގޮތްތައް ގާނޫނުގައި ކަނޑައަޅާނެ ކަމަށާއި، ކުއްޔަށް ދޭ ފަރާތަށް ލިބިގެންދާ ގެއްލުންތަކާއި ކުއްޔަށް ހިފާ ފަރާތްތަކުގެ ހައްކުތައް މި ގާނޫނުން ހިމާޔަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއްބިން، ނުވަތަ އެއްފާރު އެތައް ބަޔަކު ބޭނުންކުރަމުން ގެންދާއިރު ރާއްޖޭގައި ދިމާވާ ބައިވަރު މައްސަލަތައް ހުންނަ ކަމަށާއި. އެހެންކަމުން އެކަންތައްތަކަށް އަމަލު ކުރާނެ ގޮތްތަކެއް އެއްމެދު އިމާރާތުގެ ގާނޫނުގައި ކަނޑައަޅާނެ ކަމަށާއި އެގާނޫނުން އެފަދަ މައްސަލަތަކަށް ފާސޭހަ ހައްލެއް ލިބޭނެ ކަމަށްވެސް ޝާމިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ދެ ބިލު އޭޖީއަށް ފޮނުވުމުން އޭޖީގެ ލަފައާއެކު މިނިސްޓްރީއަށް ފޮނުވިހާ އަވަހަކަށް އެބިލް ގާނޫނަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.