އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ވެސް ބަންގުލަދޭޝްގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.
އަންނަ އަހަރުގެ މުބާރާތް ބަންގުލަދޭޝްގައި ބޭއްވުމަށް ނިންމާފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ކޮންގްރެސްގައެވެ. މިދިޔަ އަހަރު ވެސް ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ބަންގުލަދޭޝްގައެވެ.
އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ޕާކިސްތާނުގައި ބާއްވާ ގޮތަށް ކުރިން ނިންމާފައިވީ ނަމަވެސް، ބަންގުލަދޭޝްއަށް މުބާރާތް ބަދަލުކުރަން ނިންމީ ޕާކިސްތާނުގެ ފުޓުބޯޅައިގެ ހާލަތާ ގުޅިގެންނެވެ. ބަންގުލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް 2020 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ބަންގުލަދޭޝްގައި މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ. މިދިޔަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށްފަހުއެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. 2008ގެ ސާފް ޗެމްޕިއަންޝިޕް ވެސް ރާއްޖެއިން ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ގައުމަކީ އިންޑިއާއެވެ. އިންޑިއާ އިން ވަނީ ޖުމްލަ ހަތް ފަހަރަކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.