އިބްރާހީމް ރިފްއަތު

ނިއުޔޯކް ކޮންވެންޝަންގައި ރާއްޖެއިން ސޮއިކޮށްފި

މަރިޔަމް ޝަހުދާ

ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް، ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.

އެމެރިކަގެ ނިއުޔޯކްގައި ކުރިއަށްދިޔަ ހާއްސަ ހަފުލާއެއްގައި އާބިޓްރޭޝަން މަރުހަލާތަކުގައި އަމަލުކުރާނެ ބައިނަލްއަގުވާމީ މިންގަނޑުތަކެއް އެކުލެވޭ މި ކޮންވެންޝަންގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އިއްޔެއެވެ. ރާއްޖޭގެ ފަރާތުން މި ކޮންވެންޝަންގައި ސޮއި ކުރައްވާފައިވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތެވެ.

މި ކޮންވެންޝަންގައި ސޮއި ކުރުމަށްފަހު ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ކޮންވެންޝަނަކީ ރާއްޖޭގެ ސަރުކާރުން އަލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން، އޭޑީއާރު މެކޭނިޒަމް އިތުރަށް ރަނގަޅު ކުރުމަށް ލިބޭ އިތުރު އެހީއެއްކަމަށެވެ. އަދި މި ކޮންވެންޝަނާއެކު ރާއްޖޭގައި އިންވެސްޓު ކުރާ ވިޔަފާރިވެރިންނަށް ރާއްޖެއަށް އިންވެސްޓު ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ރާއްޖެއިން މި ކޮންވެންޝަންގައި ސޮއި ކުރުމާ ގުޅިގެން އެމެރިކާގެ ބިއުރޯ އޮފް ސައުތު ސެންޓްރަލް އޭޝިއަން އެފެއާސް (އެސްސީއޭ) އިން ކުރެއްވި ޓުވީޓެއްގައި ވަނީ ނިއުޔޯކް ކޮންވެންޝަންގެ ސަބަބުން ކައިރި ގައުމުތަކާއެކު މުދާ ބަދަލު ކުރުމުގައި އިތުރު ފަސޭހަތަކެއް ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް މި ކޮންވެންޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެސްސީއޭއިން ބުނެއެވެ.

އިއްޔެ ސޮއި ކުރި މި ކޮންވެންޝަނާއެކު ބައިނަލްއަގުވާމީ އާބިޓެރީ ކޯޓު ތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލާޒިމު ވާނެއެވެ. ރާއްޖެއަކީ މި ކޮންވެންޝަންގައި ސޮއިކުރި 161 ވަނަ ގައުމެވެ.