ރީކޯ މޫސާ މަނިކް

މައްސަލަ ހައްލުކުރުމަށް، ރާއްޖެއަށް އެތެރެވި ބިދޭސީންނާއި ވޯކު ވިސާ ދިން މީހުންގެ އަދަދު ދިމާވޭތޯ ބެލުން މުހިންމު: ރީކޯ މޫސަ

އާނިފާ ހުސެއިން ސިރާޖް

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ފެށުމެއްގެ ގޮތުން، ރާއްޖެއަށް އެތެރެވި ބިދޭސީންނާއި ވޯކު ވިސާ ދިން ބިދޭސީންގެ އަދަދުތައް ހޯދައި ދިމާވޭތޯ ކަށަވަރުކުރުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ފެށުމުގެ ގޮތުން ފުރަތަމަ ވެސްބަލަންވީ ރާއްޖެއަށް އެތެރެވި މީހުނާއި ވޯކް ވިސާ ދިން މީިހުންގެ އަދަދު ދިމާ ވޭތޯ ކަމަށެވެ.

"މީ މިއަދަކު އިއްޔެއަކު ފެށިފައިވާ ކަމެއް ނޫން. އެ މައުލޫމާތު ހޯދައި އަދަދުތައް ކަށަވަރު ކުރުން މުހިއްމު" މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުތަކުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އަށް އެއްބާރުލުން ދިނުމަށް ވެސް މޫސަ ވަނީ ކުރިން ގޮވާލައްވާފައެވެ.

ގާނޫނީ އިމުން ބޭރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް، ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ނިންމަވާފައެވެ.

އެ ޓާސްކް ފޯހަކީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށާއި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ އުސޫލުގެ ތެރެއިން އުފައްދަވާ ޓާސްކް ފޯހެކެވެ.