ގްލޯބަލް އައިކޮން ޕްރިޔަންކާ ޗޯޕްރާ އާއި އާއި ފިރިމީހާ ނިކް ޖޯނާސް ދަރިން ހޯދުމަށް ވިސްނާ ވާހަކަ ހިއްސާކޮށްފިއެވެ.
މިވާހަކަތައް ހިއްސާކުރީ ޓޮރޮންޓޯ ފިލްމު ފެސްޓިވަލް 2019ގައި ދަ ސްކައި އިސް ޕިންކްގެ ޕްރިމިޔާއަށް ފަހު އެވެ.
ފިލްމުގެ ޕްރިމިއާއަށްފަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި ފިލްމުގައި ޕްރިޔަންކާ އަދާކުރި ރޯލާބެހޭގޮތުން ވަނީ މައުލޫމާތު ދީފައެވެ. ޕްރިޔަންކާ ބުނީ ފިލްމުގައި އޭނާ އަދާކުރި ރޯލުން ހީވަނީ ވަރަށް ބައިވަރު ކުޑަ ކުދިންނާއެކީ މަސައްކަތް ކުރެވުނު ހެންނެވެ.
ޕްރިޔަންކާ ބުނީ ކުޑަ ކުދިންދެކެ އޭނާ ވަރަށް ލޯބިވާކަމަށެވެ. އަދި ބޮޑެތި މީހުނަށްވުރެ ބޮޑަށް ކުޑަ ކުދިންނާއެކީ ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށެވެ.
ނޫސްވެރިން ޕްރިޔަންކާ އަދި ފިރިމީހާ ނިކް ދަރިއެއް ހޯދަނީ ކޮން އިރަކުތޯ އެހި ސުވާލަށް ޖަވާބު ދެމުން ޕްރިޔަންކާ ހެވިލާފައި ބުނީ ވަރަށް އަވަހަށް ކުއްޖެއް ހޯދުމުގެ ވިސްނުން ގެންގުޅޭކަމަށެވެ.
މިއީ ދަރިއެއް ހޯދުމާ ގުޅޭ ގޮތުން ޕްރިޔަންކާ ވާހަަކަ ދެއްކި ފުރަތަމަ ފަހަރެއްނޫނެވެ. މިމަހު ކުރީކޮޅުވެސް ޕްރިޔަންކާ ވަނީ ދަރިއެއް ހޯދުން އޭނާގެ "ޓުޑޫ ލިސްޓު"ގައި ހިމެނޭކަން ހާމަކޮށްފައެވެ. މިކަން ޕްރިޔަންކާ ހާމަކޮށްފައިވަނީ ވޯގް އިންޑިއާގެ ސެޕްޓެމްބަރު އިޝޫއަށް ދިން އިންޓަވިއުގައެވެ.
ނިކްވެސް ވަނީ އާއިލާއެއް ފެށުމަށް ބޭނުންވާކަން ކައިވެނީގެ ކުޑަދުވަސްކޮޅެއް ފަހުން ހާމަކޮށްފަ އެވެ.
ދަ ސްކައި އިސް ޕިންކް އަކީ ގިނަ ދުވަސްތަކަކަށްފަހު ބޮލީވުޑް ފިލްމަކުން ޕްރިޔަންކާ ފެނިގެންދާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޓްރެއިލާ ރިލީސް ކުރުމާއެކު ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.